ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވީ މީހެއްކަމަށް ބެލެވޭ މީހެއްގެ ފޮޓޯ އާންމުވެއްޖެ

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވީ މީހެއްކަމަށް ބެލެވޭ މީހެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުވެއްޖެއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ މާސްކެއް އަޅައިގެން ހުރި ފިރިހެނަކު ދުވެފައި ކަހަލަ ގޮތަކަށް އަންނަ މަންޒަރެވެ. އަނެއް ފޮޓޯއިން ފެންނަނީ، މޭ މަތީގައި އަތް އަޅުވާލައިގެން އެ މީހާ ތަނެއްގައި މަޑުކޮށްގެން ހުންނަ މަންޒަރެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހެއް ކަމަށް ބުނެ ދައުރުވަމުން އަންނަ ފޮޓޯ
ރައީސް ނަޝީދަށް ހަމަލާ ދޭން ރޭ އެއްޗެއް ގޮއްވައިލީ އެ މަނިކުފާނު އުޅުއްވާ ގ. ކެނެރީގެ އިން ނުކުމެ ކާރާ ދިމާއަށް ވަޑައިގަންނަވަނިކޮށް ކާރާ ވަރަށް ކައިރިންނެވެ. މި ހަމަލާގައި އިތުރު ހަތަރު މީހަކު ވެސް ޒަހަމްވިއެވެ.
ނިރުބަވެރި މި ހަމަލާގައި ރައީސް ނަޝީދަށް ވަނީ ގިނަ ޒަޚަމްތަކެއް ވެފައެވެ. އެ މަނިކުފާނަށް ފަރުވާ ދޭ އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ 4 އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ. އަދި ކާމިޔާބު އޮޕަރޭޝަންތަކަކަށް ފަހު ރައީސް ނަޝީދުގެ ހާލުކޮޅު އަދި ކްރިޓިކަލްކަމުން އެމަނިކުފާނު ބާއްވާފައި އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާއި ރައީސް ނަޝީދުގެ ބޮލާއި އަތާއި ފައިގެ މަސްގަނޑުގެ، އަދި ފުރަމެ އާއި ބަނޑުގެ ސާޖަރީއެއް ހަދާފައިވާ ކަމަށް ވެސް އޭޑީކޭއިން މައުލޫމާތު ދެއްވިއެވެ.