ރައީސް ނަޝީދު ލައިފް ސަޕޯޓު މެޝިނުން ނަގައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ވަނީ ލައިފް ސަޕޯޓިން މެޝިނުން ނަގާފައި ކަމަށް އާއިލާއިން މިއަދު ބުނެފިއެވެ.
މިކަމާ ގުޅިގެން އޭޑީކޭއިން މިއަދު ބުނީ ނަޝީދުގެ ސިއްހީ ހާލުކޮޅާ ބެހޭ ތަފްސީލުދޭން މިއަދު މެންދުރު ފަހު މީޑިއާ ބްރީފިން އެއް ބާއްވާނެ ކަމަށެވެ.
މިދިޔަ ހުކުރު ވިލޭރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލައިގައި ޝައްކު ކުރެވޭ ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލައާ ގުޅުން ހުރި ދެމީހަކު ހައްޔަރު ކުރެވިފައިވާ ކަމަށާއި އެ ދެމީހުންގެ އިތުރު މައުލޫމާތު މިއަދު ހަވީރުގެ ޕްރެސް ބްރީފިންގައި ހިއްސާ ކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާ ދޭން އެއްޗެއް ގޮއްވައިލީ އެ މަނިކުފާނު އުޅުއްވާ ގ. ކެނެރީގެ އިން ނުކުމެ ކާރާ ދިމާއަށް ވަޑައިގަންނަވަނިކޮށް ކާރާ ވަރަށް ކައިރިންނެވެ. މި ހަމަލައިގައި އިތުރު ހަތަރު މީހަކު ވެސް ޒަހަމްވިއެވެ.
ނިރުބަވެރި މި ހަމަލައިގައި ރައީސް ނަޝީދަށް ވަނީ ގިނަ ޒަޚަމްތަކެއް ވެފައެވެ. އެ މަނިކުފާނަށް ފަރުވާ ދޭ އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ 4 އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ. އަދި ކާމިޔާބު އޮޕަރޭޝަންތަކަކަށް ފަހު ރައީސް ނަޝީދުގެ ހާލުކޮޅު ކްރިޓިކަލްކަމުން އެމަނިކުފާނު ބާއްވާފައި އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާއި ރައީސް ނަޝީދުގެ ބޮލާއި އަތާއި ފައިގެ މަސްގަނޑުގެ، އަދި ފުރަމެ އާއި ބަނޑުގެ ސާޖަރީއެއް ހަދާފައިވާ ކަމަށް ވެސް އޭޑީކޭއިން މައުލޫމާތު ދެއްވިއެވެ.