ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާފަދަ އަނިޔާ ލިބުނު، ބޮޑަށް އަނިޔާވީ ފުއްޕާމެއަށް: އޭޑީކޭ

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާފަދަ އަނިޔާ ލިބުނު ކަމަށާއި، ބޮޑަށް އަނިޔާވީ ފުއްޕާމެއަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭގެ ޑޮކްޓަރުންގެ ޓީމެއްގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނިޝާން ވިދާޅުވީ ރައީސް ނަޝީދު ހަށިކޮޅުގެ ބޭރުފުށުން އަނިޔާތަކެއް ލިބިފައިވާއިރު، ހަށިގަނޑުގެ އެތެރެއަށް ވެސް ދަނގަނޑު އެތިކޮޅުތަކެއް ވަދެފައިވާ ކަމަށެވެ.
ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ރައީސް ނަޝީދު ހޮސްޕިޓަލަށް ގެނައި އިރު ހަށިކޮޅުން ވަރަށް ގަދަޔަށް ލޭ އައި ކަމަށާއި ދިން ހަމަލާއާ ގުޅިގެން ދަގަނޑުކޮޅެއް ފުއްޕާމޭ ފޫ އަޅައިފައި ދިޔަ ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވިއެވެ. އަދި އެ ދަގަނޑުކޮޅު ރައީސް ނަޝީދުގެ ހިތްޕުޅަށް ނުހެރި ހުރީ ހަމަ ކިރިޔާ ކަމަށް ވެސް ވިދާޅުވިއެވެ.