ޚަބަރު

ގޮއްވައިލި ސައިކަލު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައެއް ނުވޭ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރައީސް ނަޝީދަށް މެއި 6ވަނަ ދުވަހު ދިން ހަމަލާގައި ގޮއްވައިލި ، އައިއީޑީ ހަރު ކޮށްފައިވާ ސައިކަލު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by Sosun Fihaara

މިކަން ކަށަވަރު ވެފައިވާކަން އޮންލައިން ނޫސް “ސަން”އިން ވަނީ ރިޕޯޓް ކޮށްފައެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ ސައިކަލުގެ ވެރިފަރާތް މިހާރު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ނަންބަރު ޕްލޭޓްވެސް ބަދަލުކޮށް، ފޭކް ނަންބަރު ޕްލޭޓެއް އަޅުވާފައިވާ އެ ސައިކަލްގެ ވެރިފަރާތް ކަމަށް ފުލުހުން ވިދާޅުވީ، މިއަދު ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އުމުރުން 32 އަހަރުގެ ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ އެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެއީ ކާކުގެ ސައިކަލެއްކަން އޮޅުވައިލުމަށް ޓަކައި ނަންބަރު ބޯޑު ބަދަލު ކުރުމުގެ އިތުރުން އިންޖީނު ނަންބަރު ވެސް ކަހާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުން އެ ނަންބަރު ހޯދައި އެ ސައިކަލުގެ ވެރިފަރާތް ވެސް ހައްޔަރު ކުރެވިފައިވާ ކަމުގައި ރިޔާޒް ވިދާޅުވިއެވެ.

އެ ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ދެމީހަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ ސައިކަލުގެ ވެރިފަރާތްކަމަށް ބުނާ ތަހުމީން އަހްމަދު، ފޮޅޭމާ/ގއ.ކޮނޑޭ އާއި މުޖާޒް އަހްމަދު، މއ.ފޭރުގެ/ކ.މާލެ އެވެ. މި ދެމީހުންގެ ތެރެއިން މުޖާޒްއާ މައްސަލައާ ހުރި ގުޅުމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގައި މިހާތަނަށް ހައްޔަރުކުރެވިފައިވާ މީހުން

ފުލުހުން ވިދާޅުވީ މި މައްސަލައިގައި އެންމެ މުހިންމު މީހާ އަދި ހައްޔަރު ނުކުރެވޭ ކަމަށެވެ. އަދި އެ ފަރާތުގެ ފޮޓޯއެއް ފުލުހުން އާންމު ކޮށްފައިވާއިރު އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ މި މައްސަަލައާ ގުޅޭ މައުލޫމާތު އެއްކުރުމަށް ހާއްސަ ކުރެވިފައިވާ ހޮޓްލައިން 970400އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން އެދެއެވެ.

މި މައްސަލައިގައި 4 މީހުންނަށް ތުހުމަތު ކުރެވޭއިރު ހަތަރުވަނަ މީހާ އަދި ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލައިގައި އިތުރު މީހުންނަށް ތުހުމަތު ކުރެވުމުގެ ފުރުސަތު ވެސް އެބައޮތް ކަމުގައި ފުލުހުން ވިދާޅުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!