ޚަބަރު

ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ސަން

މިމަހުގެ 6 ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ، ހަމަލާގެ އިސް ބައިވެރިއެއް ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރު ކޮށްފިއެވެ.

Ads by STELCO

އޭނާ ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭ ޣާޒީ ސްކޫލް ސަރަހައްދުގައި ހުންނަ ފްލެޓް 95 ޖީ 2 އިންނެވެ.

މިއީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ޝާމިލުވި އެންމެ ބޮޑު ސަސްޕެކްޓް ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. މީގެ ކުރީން ފުލުހުން ވަނީ 2 މީހަކު ހައްޔަރު ކޮށްފައެވެ. އެ ދެ މީހުންގެ ތެރެއިން އެކަކީ މއ. ފޭރުގެއަށް ނިސްބަތްވާ މުޖާޒު އަހުމަދު ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ އުމުރަކީ 21 އަހަރެވެ.  ދެވަނަ އަށް ހައްޔަރުކުރި މީހަކީ ތަހުމީން އަހުމަދު ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ ގއ. ކޮނޑޭ، ފޮޅޭމާގެއަށް ނިސްބަތްވާ 32 އަހަރުގެ މީހެކެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ މި ހަމަލައިގައި ޝައްކު ކުރެވޭ ހަތަރު މީހަކު އެ ސަރަހައްދުން ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ ތަނުގައި ގޮއްވައިލެވުނު ސައިކަލާ ގުޅޭ ސާފު މައުލޫމާތު ވެސް ލިބިފައިވާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދޭން އެއްޗެއް ގޮއްވައިލީ އެ މަނިކުފާނު އުޅުއްވާ ގ.ކެނެރީގެއިން ނުކުމެ ކާރާ ދިމާއަށް ވަޑައިގަންނަވަނިކޮށް ކާރާ ވަރަށް ކައިރިންނެވެ. މި ހަމަލައިގައި އިތުރު ހަތަރު މީހަކު ވެސް ޒަހަމްވިއެވެ.

ނިރުބަވެރި މި ހަމަލައިގައި ރައީސް ނަޝީދަށް ވަނީ ގިނަ ޒަޚަމްތަކެއް ވެފައެވެ. އެ މަނިކުފާނަށް ފަރުވާ ދޭ އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ 4 އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ. އަދި ކާމިޔާބު އޮޕަރޭޝަންތަކަކަށް ފަހު ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅުކަމަށާއި  އެމަނިކުފާނުގެ ބޮލާއި އަތާއި ފައިގެ މަސްގަނޑުގެ، އަދި ފުރަމެ އާއި ބަނޑުގެ ސާޖަރީއެއް ހަދައިފައިވާ ކަމަށް ވެސް އޭޑީކޭއިން މައުލޫމާތު ދެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!