ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލައާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ތުހުމަތުގައި މިހާރު ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ހިންގުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލައިގައި ތުހުމަތު ކުރެވޭ ޕްރައިމް ސަސްޕެކްޓް ހައްޔަރު ކޮށްފައި ވަނީ މިއަދު ހެނދުނު 6:25 ގައި ހުޅުމާލެއިން ހައްޔަރު ކަމަށެވެ.
ސަސްޕެކްޓް އެކެއްގެ ގޮތުގައި އިއްޔެ ފޮޓޯ އާންމު ކުރި ފަރާތް ހޯދުމުގައި އާންމުންގެ އެހީތެރި ކަމަށް އެދުމުން ވަރަށް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވިކަން ސީޕީ ހަމީދު ވަނީ ފާހަގަ ކުރައްވާފައެވެ.