ޚަބަރު

ހަމަލައިގައި ތުހުމަތު ކުރެވޭ އެންމެ މުހިންމު ފަރާތް ހައްޔަރު ކުރެވުނީ އާންމުންގެ އެހީގައި: ފުލުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލައިގައި ތުހުމަތުވާ އެންމެ މުހިންމު ފަރާތް ހައްޔަރު ކުރެވުނީ އާންމުންގެ އެހީގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ބެލެވޭ، ވ. ތިނަދޫ، ހިޔާ އަދުހަމު އަހުމަދު ރަޝީދު ހައްޔަރު ކުރެވުނީ އާންމުންގެ އެހީތެރިކަމާއެކު ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އަދުހަމްގެ މޫވްމަންޓް ހުރި ގޮތުގެ ސީސީޓީވީ ފުޓޭޖެއް ފުލުހުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހިއްސާ ކޮށްފައެވެ. އެ ވީޑިއޯއިން ފުރަތަމަ ފެންނަނީ މި ހަމަލާ ހިނގި ސަރަޙައްދު ކައިރީގައި އަދުހަމް ފޯނުން ވާހަކަ ދައްކަން ހުއްޓައެވެ. ފޯނުން ވާހަކަ ދައްކަން ހުރި އިރު އޭނާގެ އެއް ފައި ފާރުގައި ޖައްސާލައިގެން ހުންނަ ތަން ވެސް ފެނެއެވެ. އެއަށް ފަހު ފަހަތަށް އަތް ލައިގެން މަގާ ވީ ދިމާލަށް އަދުހަމް ހިނގައިގަންނަ އިރު، އަތުގައި ރިމޯޓެއް ފާޑު އެއްޗެއް އޮތެވެ.

އަދުހަމްގެ ފަހަތުން އެވަގުތު ތިން މީހަކު އަންނަ ތަން ވެސް އެ ވީޑިއޯއިން ފެނެއެވެ. ކުއްލިއަކަށް ކަމެއް ވުމުގެ ސަބަބުން އެ ތިން މީހުން ވެސް ހާސްވެގެން ދުވެފައި އެތެރެއަށް ވަންނަތަން ފެންނަ ނަމަވެސް އަދުހަމް އެތަނުގައި ހަމަޖެހިލައިގެން ހުންނަ މަންޒަރު ވެސް ފެނެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ހަމަލާއަށް ފަހު އަދުހަމް ދުވެފައި ގޮސް ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މުޖާޒުއާ ބައްދަލު ކުރި ކަމަށާއި އަދި އޭގެ ފަހުން ޖަލާލުއްދީން މިސްކިތަށް ވަނެވެ. އޭގެ ފަހުން ވެސް ގިނަ ތަންތަނަށް ދިޔަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިއަދު އޭނާ ހައްޔަރު ކުރެވުނު އިރު، އަދުހަމް ހުރީ ސިފަ ބަދަލުކުރަން މަސައްކަތް ކޮށްފައި ކަމަށާއި ހަމަލާދިން ރޭ އަދުހަމް ފައި ޖައްސައިގެން ހުރި ފާރުގައި ހުރި ފުޓް ޕްރިންޓާއި އަދުހަމްގެ ފުޓް ޕްރިންޓް ދިމާވާކަން ފުލުހުންގެ ފޮރެންސިކަށް ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!