ޚަބަރު

ނަޝީދަށް ހަމަލާދޭން ގޮއްވައިލި އައިއީޑީގެ ބައިތައް ދައްކާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ހަމަލާދޭން ގޮއްވައިލި އައިއީޑީގެ ބައިތައް ފުލުހުން ދައްކާލައިފިއެވެ.

Ads by MWSC

ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ އޭގައި ބޭނުންކުރެވިފައި ވަނީ އޮންލައިންކޮށް ވެސް ގަނެވޭ ގޮތަށް ހުރި އެއްޗެހި ކަމަށެވެ.

“އަޅުގަނޑުމެން ބެލި ބެލުމުގައި މީތި ހަދަން ބޭނުން ކުރެވިފަ ހުރީ އާންމުކޮށް ވެސް އޮންލައިކޮށް ގަނެވެން ހުރި އެއްޗެހި” ރިޔާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދޭން އެއްޗެއް ގޮއްވައިލީ އެ މަނިކުފާނު އުޅުއްވާ ގ.ކެނެރީގެއިން ނުކުމެ ކާރާ ދިމާއަށް ވަޑައިގަންނަވަނިކޮށް ކާރާ ވަރަށް ކައިރިންނެވެ. މި ހަމަލައިގައި އިތުރު ހަތަރު މީހަކު ވެސް ޒަހަމްވިއެވެ.

ނިރުބަވެރި މި ހަމަލައިގައި ރައީސް ނަޝީދަށް ވަނީ ގިނަ ޒަޚަމްތަކެއް ވެފައެވެ. އެ މަނިކުފާނަށް ފަރުވާ ދޭ އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ 4 އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ. އަދި ކާމިޔާބު އޮޕަރޭޝަންތަކަކަށް ފަހު ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށާއި އެމަނިކުފާނުގެ ބޮލާއި އަތާއި ފައިގެ މަސްގަނޑުގެ، އަދި ފުރަމެ އާއި ބަނޑުގެ ސާޖަރީއެއް ހަދައިފައިވާ ކަމަށް ވެސް އޭޑީކޭއިން މައުލޫމާތު ދެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!