ޚަބަރު

ޓެރަރިސްޓް ޢަމަލަކަށް ހިތްވަރު ލިބޭ ގޮތަށް މީސްމީޑީއާގައި ވާހަކަ ދައްކާ މީހުންނާމެދު ފިޔަވަޅު އަޅަނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޓެރަރިސްޓް ޢަމަލަކަށް ހިތްވަރު ލިބޭ ގޮތަށް މީސްމީޑީއާގައި ވާހަކަ ދައްކާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އާއި ނޫސްތަކުގެ ކޮމެންޓް ސެކްޝަން ތަކުގައި އާންމުން، ޓެރަރިޒަމްއާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ޚިޔާލު ފާޅު ކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން ބައެއް ފަރާތްތަކުން މިކަން ކުރި ފަރާތްތަކަށް ހިތްވަރު ލިބިދޭ ކަހަލަ ގޮތަކަށް ޚިޔާލު ފާޅު ކޮށްފައި އެބަ ހުރި ކަމަށެވެ.

މި ބާވަތުގެ ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ޒާތެއްގެ ހިތްވަރު ދިނުމާއި، ޝައުގުވެރި ވުމާއި، އެމީހުންނަށް އެއްބާރުލުން ދިނުމާއި، އެމީހުންނަށް ތާއީދު ކުރާކަން ދެއްކުމަކީ، ދިވެހިރާއްޖޭގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ވެސް މަނާ ކަމެއް ކަމަށާއި، އެފަދަ ކަންކަމަކީ އަދަބު ކަނޑައެޅިފައިވާ ޖިނާއީ ކުށްތައްކަން ފާހަގަ ކުރާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ، މިވަގުތު ވެސް ސޯޝަލް މީޑިއާގައި އެފަދަ ގޮތަކަށް ކޮމެންޓް ކޮށްފައި ހުންނަ ވަގު އައިޑީތަކާއި އެހެނިހެން އައިޑީތަކުގެ މައުލޫމާތުތައް އެއްކުރަމުން ދާ ކަމަށާއި، އެފަދަ މީހުންގެ މައްސަލަތައް ބަލައި އެެމީހުންނާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!