ކޮވިޑް ޖެހިގެން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ނިޔާވެފައި ވަނީ އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ބ.އޭދަފުށީ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ނިޔާވެފައިވާ ކަމަށާއި އޭނާ ނިޔާވެއްޖެ ކަމަށް ކަނޑައެޅީ ހެނދުނު 8:30 ގައި ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ފަހަކަށް އައިސް ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ކޮވިޑަށް ފައްސިވާމީހުން ވެސް އެތައް ގުނައަކުން އިތުރެވެ. ކޮވިޑް-19 އަށް އިއްޔެ އެކަނި ވެސް 1091 މީހަކު ފައްސިވެފައިއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون