ދުނިޔެ

އަޤްސާގައި އަޅުކަން ކުރަމުން ދިޔަ 100 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤުދުސް: ބަރަކާތްތެރި ރަމަޟާން މަހު މަސްޖިދުލް އަޤްސާގައި އަޅުކަން ކުރަމުންދިޔަ ފަލަސްތީނުގެ މުސްލިމުންތަކަކަށް އިޒްރޭލު ސިފައިން ހަމަލާދީ 100 އަށް ވުރެ ގިނަ މުސްލިމުން ޒަޚަމް ކޮށްލައިފިއެވެ.

Ads by Sosun Fihaara

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ އިޒްރޭލުން ދިން ހަމަލާގެ ސަބަބުން، އެ މިސްކިތަށް އަޅުކަން ކުރަން ދިޔަ 100 އަށް ވުރެ ގިނަ މުސްލިމުން ޒަޚަމް ވެފައިވާ ކަމަށާއި ޒަޚަމްވި ފަރާތްތަކަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދޭ ކަމަށެވެ.

އިޒްރޭލު ސިފައިން މިއަދު ވަނީ މަސްޖިދުލް އަޤްސާގެ ގޭޓުތައް ހަލާކު ކޮށްލައި މުސްލިމުންގެ އެ މުޤައްދަސް ބިމަށް ވެސް ގެއްލުން ދީފައެވެ.

އިޒްރޭލުން މިފަހަރު ހަމަލާ ދޭން ފެށީ، މި ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ކަމަށްވާ މި ހިނގާ މެއި މަހުގެ 7 ވަނަ ދުވަހުއެވެ. އެދުވަހު ހުކުރު ނަމާދަށް ގިނަ އަދަދެއްގެ މުސްލިމުން ހާޒިރުވެ ތިއްބައި އިޒްރޭލު ސިފައިން ވަނީ މުސްލިމުންގެ އަޅުކަމަށް ހުރަސް އަޅާފައެވެ. ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ މުސްލިމުންނާއި އިޒްރޭލު ސިފައިންނާއި ދެމެދު ކުރިމަތިލުމަކަށް ގޮސް، އެ ދުވަހު 200 އަށްވުރެ ގިނަ ފަލަސްތީނު މުސްލިމުން ޒަޚަމް ވެފައިވެއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ވެސް އިރުމަތީ ޤުދުސްގައި ހަމަލާތަކެއް ދެވި، 100 އެއްހާ މީހުން ޒަޚަމްވި ކަމަށެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެ ޤައުމަށް އެހީތެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމު ޤައުމުތަކުން ދަނީ ގޮވައިލަމުންނެވެ. ނަމަވެސް މުސްލިމު ގައުމުތަކުން އަދި މި ހަމަލާތައް ކުށްވެރި ކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!