ޚަބަރު

ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވެއްޖެ! ކޮވިޑް-19އަށް ފައްސިވީ އަދަދުތައް މިރޭ 1200އަށް ވުރެ މަތި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ އަދަދުތައް މިއަދު ރިކޯޑު އަދަދަކަށް މަތިވެ 1204 އަށް އަރައިފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެއިން އެކަނި ވެސް މިއަދު 961 މީހުން ފައްސިވެފައިވެއެވެ.

އަތޮޅުތެރެއިން މިއަދު ފައްސި ވެފައި ވަނީ 235 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން 8 މީހަކު މިއަދު މި ބައްޔަށް ފައްސި ވެފައިވެއެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 35،815 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 26،547 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 87 މީހުން ނިޔާވެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 244 މީހުންނެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު ވަނީ ދަށަށް ގޮސްފައެވެ. އަދި ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރެވެ. އެހެންކަމުން އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މި މަހުގެ 5 އިން 15 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް މަސައްކަތްތައް ނިންމުމަށް ބަދަލު ކުރުމާއި، ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ދިން ލުއި މި މުއްދަތުގެ ތެރޭގައި މެދުކަނޑާލުން އަދި މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅައިގެން ނަމާދު ކުރުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!