އިޒްރޭލުގެ ޢަމަލުތައް ރައީސް ޞާލިޙް ކުށްވެރި ކުރައްވައިފި

އިރުމަަތީ ގުދުސްގެ ޝައިހު ޖައްރާހް ނަަމަކަށް ކިޔާ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ އަށް އާއިލާއެއް އެ މީހުންގެ ގެދޮރުން ނެރެ، އެ ތަންތަނަށް ޔަހޫދީން ވައްދަން އިޒްރޭލްގެ ފުލުހުން ކުރަމުންދާ މަސައްކަތް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުށްވެރި ކުރައްވައިފިއެވެ.
ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރުން ނެރުމާ ގުޅިގެން އެކަމާ ދެކޮޅު ހަދައި އަޑު އުފުލުމުން، އިޒްރޭލުގެ ނުބައި ޔަހޫދީ ސިފައިން ދަނީ ބާރުގެ ބޭނުން ކުރަމުން، ފަލަސްތީނަށް ހަމަލާ ދެމުންނެވެ. އަދި މުސްލިމުންގެ އެންމެ މުޤައްދިސް ތިންވަނަ ބިނާ ކަމަށްވާ މަސްޖިދުލް އަޤްސާއަށް ވެސް މިދިޔަ ހުކުރު ދުވަހު ވަދެގަނެ، އެތަނުގައި އަޅުކަން ކުރަން ތިބި މުސްލިމުންނަށް އިޒްރޭލުން ވަނީ ހަމަލާ ވެސް ދީފައެވެ.
އެކަމާ ގުޅިގެން ރައީސް ޞާލިޙް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝައިހު ޖައްރާހުން ފަލަސްތީންގެ ރައްޔިތުން ނެރުމާއި އަގްސާގައި ނަމާދަށް ތިބި ފަލަސްތީންގެ ރައްޔިތުންނަށް ހަމަލާ ދީ، އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުންދާ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އިޒްރޭލުގެ އެ ޢަމަލުތައް ކުށްވެރި ކުރައްވާ ކަމަށާއި ރާއްޖެ އަދިވެސް އޮތީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަމަށެވެ.