ގޭގައި ވެސް ޢީދު ނަމާދު ކުރެވޭނެ، ޚުތުބާ ކިޔާކަށް ނުޖެހޭނެ
ކަރަންޓީންގެ ހާލަތުގައި ނުވަތަ ޢީދު ނަމާދަށް ޖަމާޢަތުގައި ނުދެވިއްޖެ ހާލަތެއްގައި ވެސް ޢީދު ނަމާދު ގޭގައި އެކަނި ކުރެވިދާނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޑރ.މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
"ދެން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިޔާޒް ވިދާޅުވީ، ޢީދު ނަމާދު ޖަމާޢަތުގައި ކުރުމަކީ ސުންނަތެއް ކަމަށާއި އެހެން ނަމަވެސް އެނަމާދު އެކަނި ވެސް ކުރެވިދާނެ ކަމަށެވެ. އަދި އެކަނި ނަމާދު ކުރާއިރު ޚުތުބާ ކިޔާކަށް ނުޖެހޭ ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ.
އިމާމު ޝާފިޢީގެ އަރިހުން އިމާމު ނަވަވީ ނަގުލު ކުރައްވާފައި ވެއެެވެ.
[تُشْرَعُ صَلَاةُ الْعِيدِ لِلْحُرِّ وَالْعَبْدِ وَالْمُسَافِرِ وَالْمَرْأَةِ وَالْمُنْفَرِدِ فِي بَيْتِهِ أَوْ فِي غَيْرِهِ]
މާނައީ: "ޢީދުނަމާދު މަޝްރޫޢު ވެގެންވަނީ މިނިވަން މީިހާއަށާއި އަޅުމީހާއަށާއި ދަތުރުވެރިޔާއަށާއި، އެކަނި ނަމާދުކުރާ މީހާއަށް ވެސް ގޭގައްޔާއި އެނޫން ތަންތާގައި ކުރުމަށް އޮންނަ އަޅުކަމެއްގެ ގޮތުގައެވެ."
ޢީދު ނަމާދަކީ 2 ރަކްޢަތުގެ މައްޗަށް އެކުލެވޭ ނަމާދެކެވެ.
މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެ އަރިހުން އިމާމު ޝާފިޢީއާއި ބުޚާރީއާއި މުސްލިމު ރިވާކުރަށްވާފައި ވެއެވެ.
[عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى يَوْمَ الْعِيدِ رَكْعَتَيْنِ لَمْ يُصَلِّ قَبْلَهَا وَلَا بَعْدَهَا]
މާނައީ: "ކީރިތި ރަސޫލާ ޢީދުނަމާދުގައި ކުރަށްވަނީ ދެރަކްޢަތެވެ. އެނަމާދުގެ ކުރިއަކުން ވެސް އަދި ފަހަކުންވެސް އެހެން ނަމާދެއް ނުކުރައްވައެވެ."
ޢީދުނަމާދު ކުރާނީ ޢާއްމު ނަމާދު ކުރާގޮތަށެވެ. ބަންގިއެއް ޤަމަތެއް ދިނުމެއް ނޯންނާނެއެވެ.
ޢީދު ނަމާދު ކުރާއިރު، ފުރަތަމަ ރަކްޢަތުގައި ހަށަންބަން ތަކްބީރުގެ އިތުރުން ހަތް ތަކްބީރު ކިއުމާއި ދެވަނަ ރަކްޢަތުގައި ސަޖިދައިން ތެދުވާ ތަކްބީރުގެ އިތުރުން ފަސް ތަކްބީރު ކިއުން ސުންނަތް ވެގެން ވެއެވެ. މިތަކްބީރުތައް ކިޔަންވާނީ ކޮންމެ ރަކްޢަތެއްގައި ވެސް އަލްޙަމްދު ކިޔަވަން ފެށުމުގެ ކުރިންނެވެ. ކޮންމެ ތަކްބީރެއް ކިޔާ ވަގުތު ދެއަތް ދެކޮނޑާ ހަމައަށް އުފުލުމަކީ ސުންނަތެކެވެ.
ޢީދުނަމާދުގެ ވަގުތަކީ އިރުއެރުމަށްފަހު ލޮންސިއެއް ހައިމިންވަރު އިރު އުފުލުމުން ފެށިގެން އިރުމެދު ޖެހުމާ ދޭތެރެއެވެ. ފިޠުރު ޢީދުނަމާދަށް ދާއިރު އެއްޗެއް ކައިގެން ދިއުމަކީ ސުންނަތެކެވެ