ކޮވިޑް-19: އިތުރު 1،216 މީހުން ފައްސިވެއްޖެ، މިއަދު 836 މީހުން
ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 1،216 މީހުން ފައްސި ވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނު ކޮށްފިއެވެ.
އޭގެތެރެއިން މިއަދު ފައްސިވެފައި ވަނީ 836 މީހުންނެވެ.
އެޗްޕީއޭއިން އިއުލާނު ކޮށްފައިވާ ގޮތުގައި މިއަދު މާލެ ސަރަޙައްދުން ފައްސި ވެފައިވަނީ 1،013 މީހުންނެވެ. އަދި އަތޮޅުތެރެއިން 201 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި ހިންގަމުން އަންނަ ރިސޯޓުތަކުން އެކަކު މިބައްޔަށް ފައްސިވެފައިވާ ކަމަށް ވެސް ރިކޯޑު ކުރެވިފައިވެއެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 41،308 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 27،428 މީހުންނެވެ. އަދި މިހައިތަނަށް މިބަލީގައި ރާއްޖެއިން 87 މީހުން ނިޔާވެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 259 މީހުންނެވެ.
ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު ވަނީ ދަށަށް ގޮސްފައެވެ. އަދި ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރެވެ. އެހެންކަމުން އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި މި މަހުގެ 22 އަށް ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް މަސައްކަތްތައް ނިންމުމަށް ބަދަލު ކުރުމާއި، ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ދިން ލުއި މި މުއްދަތުގެ ތެރޭގައި މެދުކަނޑާލުން އަދި މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅައިގެން ނަމާދު ކުރުން ހިމެނެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި މި މަހުގެ 12 އިން 18 އަށް، ހަވީރު 4:00 އިން ފަތިހު 4:00 އަށް ވަނީ ކާފިއު ގަޑި ވެސް އިއުލާނު ކޮށްފައެވެ. އޭގެ އިތުރުން މި މުއްދަތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލުމަށް ވެސް އަންގާފައިވެއެވެ.