ދުނިޔެ

އިންޑިއާގެ އަވަށެއްގެ ރައްޔިތުން ، ހިންދޫންގެ ތެރެއިން އިތުބާރު ކުރީ މުސްލިމަކަށް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ހިންދޫންގެ އާބާދީ ބޮޑު އަޔޯދްޔާގެ ރާޖަންޕޫރު އަވަށުގެ ރައްޔިތުން ޑިސްޓްރިކްޓް އިންތިޚާބުގައި މުސްލިމު ކެނޑިޑޭޓެއް ހޮވައިފިއެވެ.

Ads by WAMCO

އިންޑިއާގެ "ގްރާމް ޕްރަދާން" ނުވަތަ އަވަށްތަކުގެ އިންތިޚާބު ބާއްވައިފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ގްރާމް ޕްރަދާން ނުވަތަ ގްރާމް ޕަންޗާޔަތުއަކީ އިންޑިއާގެ އަވަށްތަކުގައި އޮންނަ މުނިސިޕަލް އިދާރާއެވެ. މި އިދާރާ އެކުލެވެނީ އަވަށުގެ އެކި ހިސާބުތަކުން ތަމްސީލްކުރާ މެމްބަރުންގެ މައްޗަށެވެ.

މީޑިއާތަކުގެ ސަމާލުކަން ލިބިފައި މިވާ ރާޖަންޕޫރުގެ ކައުންސިލަށް ހޮވުނު ޙާފިޒު އަޒީމުއްދީން، އިންތިޚާބުވީ ހިންދޫ 6 ކެނޑިޑޭޓުންނާ ވާދަކޮށެވެ. އަދި އެ ސަރަހައްދުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 600އެއްހައި މީހުން އުޅޭއިރު އަޒީމުއްދީން އާއިލާގެ 27 މެމްބަރުން ނޫނީ ދެން ހިމެނެނީ މުޅީން ވެސް ހިންދޫ ދީނުގެ ރައްޔިތުންނެވެ. އަޒުމުއްދީން ވަނީ 600 ވޯޓްގެ ތެރެއިން 300 ވޯޓް ހޯދައިފައެވެ.

އަޒީމުއްދީނާ ގުޅޭ ގޮތުން މީޑިއާއާ ވާހަކަ ދެއްކި އެ އަވަށުގެ މީހަކު ބުނެފައި ވަނީ އެމީހުން ވޯޓް ލީ ދީނަކަށް ބަލައިގެން ނޫން ކަމަށާއި އެ މީހުން ބެލީ އެ މީހުންގެ މައްޗަށް ރަނގަޅަށް ކަންތައް ކޮށްދޭނެ މީހަކަށް ކަމަށެވެ.

އަޒީމުއްދީންއަކީ ދަނޑުވެރިއެކެވެ. މީގެ ކުރީން 10 އަހަރެއްހައި ދުވަހު އޭނާ ވަނީ މަދަރުސާއެއްގައި ކިޔަވައިދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!