ޖަމީލު، އާޒިމަށް: ބޮޑެތި ކުށްތަކުގެ ވާހަކަ ސަމާސާއަކަށް ހެދިގެން ނުވާނެ
ބޮޑެތި ކުށްތަކުގެ ވާހަކަ ސަމާސާއަކަށް ހެދިގެން ނުވާނެ ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް އަދި އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައި ވަނީ، އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" އިން ގެނެސްދިން ޕްރޮގްރާމެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެންނެވެ.
އެމްއެމްޕީއާރސީގެ ޚިޔާނާތާ ގުޅޭ ގޮތުން ދެކެވެމުންދާ ބައެއް ވާހަކަތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން، އާޒިމް ވިދާޅުވީ، އަހްމަދު އަދީބު ކައިރަށް ދަބަހެއް ހިފައިގެން ދިޔަ ކަމަށް ބުނާ ވާހަކައަކީ ތެދެއް ކަމަށާއި ނަމަވެސް އެ ދަބަހަކީ ފައިސާ ގެންދިއުމަށް ގެންދެވި ދަބަހެއް ނޫން ކަމަށެވެ.
އާޒިމް ވިދާޅުވީ އަދީބުގެ ވަރަށް ގާތް ބޭފުޅެއް ކަމަށްވާ އަބްދުﷲ ޖަލީލް (ކޭންސޭޓް) އަކީ އޭނާގެ ވެސް ރަހުމަތްތެރިއެއް ކަމަށާއި ދަބަހެއް ހިފައިގެން ދާށޭ ބުނީ ކޭންސޭޓަށް ދޭން އަދީބު ދިން އެއްޗެއް ބަލައި ދިއުމަށް ކަމަށެވެ. އަދި އެ ދަބަހުގައި ހުރީ ކޯއްޗެއްކަން އެނގި ވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް ދަބަހުގައި ހުރީ ދިޔާ އެއްޗެއްކަން އެނގިލައްވާ ކަމަށެވެ.
މިކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިކަން ފުލުހުން ވަގުތުން ތަޙްޤީޤް ކުރަން ޖެހޭ ކަމަށާއި ވިދާޅުވި ދިޔާ އެއްޗެހީގެ ތަފްސީލް ލިބެން ޖެހޭ ކަމަށެވެ.
މަޖިލީހުން މިހާރު އާންމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި އާޒިމްގެ ނަން ހިމެނިފައިވާއިރު، އޭނާ ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ. ނަމަވެސް އަހުމަދު އަދީބަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި އޭނާގެ ހިއްސާ އޮންނަ ކަނބާލިފަރާ ގުޅިގެން އެތައް މުއާމަލާތްތަކެއް ކުރެވިފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ނަޝީދު އަކީ ޖަވާހިރެއް.