ޚަބަރު

ކޮވިޑް-19: ފައްސިވީ އަދަދުތައް އަދިވެސް މަދެއް ނުވޭ، އިތުރު 1،467 މީހުން ފައްސި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން މިއަދު ވެސް ރިކޯޑު އަދަދަކަށް މީހުން ފައްސިވެފައިވާ ކަމަށާއި އެގޮތުން އިތުރު 1،467 މީހުން ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

Ads by Hajj Corporation

އެޗްޕީއޭއިން ވިދާޅުވީ އޭގެތެރެއިން 939 މީހުންނަކީ މިއަދު ފައްސިވީ މީހުން ކަމަށެވެ.

ފައްސިވީ މީހުންގެ ތެރެއިން 1،267 މީހުން ފައްސިވެފައި ވަނީ މާލެއިންނެވެ. އަތޮޅުތެރެއިން 182 މީހަކު އަދި ހިންގަމުން އަންނަ ރިސޯޓުތަކުން 18 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 42،775 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 27،672 މީހުންނެވެ. އަދި މިހައިތަނަށް މިބަލީގައި ރާއްޖެއިން 91 މީހުން ނިޔާވެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 290 މީހުންނެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު ވަނީ ދަށަށް ގޮސްފައެވެ. އަދި ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރެވެ. އެހެންކަމުން އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މި މަހުގެ 22 އަށް ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް މަސައްކަތްތައް ނިންމުމަށް ބަދަލު ކުރުމާއި، ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ދިން ލުއި މި މުއްދަތުގެ ތެރޭގައި މެދުކަނޑައިލުން އަދި މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅައިގެން ނަމާދު ކުރުން ހިމެނެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި މި މަހުގެ 12 އިން 18 އަށް، ހަވީރު 4:00 އިން ފަތިހު 4:00 އަށް ވަނީ ކާފިއު ގަޑި ވެސް އިއުލާނު ކޮށްފައެވެ. އޭގެ އިތުރުން މި މުއްދަތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލުމަށް ވެސް އަންގާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!