ދުނިޔެ

ޗެމްޕިއަންކަން ހޯދި ލެސްޓާގެ މުސްލިމް ކުޅުންތެރިން ދައްކައިލީ ފަލަސްތީނަށް އޮތް ލޯބި!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިނގެރޭސި އެފްއޭކަޕްގެ ފައިނަލްގައި ޗެލްސީ ބަލިކޮށް ޗެމްޕިއަންކަން ހޯދި ލެސްޓަރ ސިޓީގެ ދެކުޅުންތެރީން ފަލަސްތީންގެ ދިދަ ދައްކައިލައި އެމީހުންގެ ހިތުގައި ފަލަސްތީނަށް އޮތް ލޯބި ހާމަކޮށްފިއެވެ.

Ads by Sosun Fihaara

މިހާރު މީސްމީޑިއާގައި އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ގަދަފަދަ ޗެލްސީ ބަލިކޮށް ޗެމްޕިއަންކަން ހޯދި ލެސްޓަރގެ މުސްލިމް ދެކުޅުންތެރިން ވަނީ ފަލަސްތީނުގެ ދިދައާއެކު ، މެޗުން މޮޅުވުމުގެ އުފާ ފާޅުކޮށްފައެވެ.

އެ ދެކުޅުންތެރިންނަކީ މިޑްފީލްޑަރ ހަމްޒާ ޗޯދުރީއާއި ޑިފެންޑަރ ވެސްލީ ފޮފާނާއެވެ. މީގެ ތެރެއިން ހަމްޒާ ޗޯދުރީއަކީ ބަނގުލަދޭޝް ދަރިކޮޅުގެ ކުޅުންތެރިއެކެވެ. އޭނާގެ މަންމައާއި ދޮންބައްޕައަކީ ވެސް ބަނގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. ހަމްޒާ ވެސް ވަނީ ކުޑައިރު ބަނގްލަދޭޝްއަށް ޒިޔާރަތް ކޮށްފައެވެ.

ޑިފެންޑަރ ވެސްލީއަކީ ފްރާންސަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

މިރޭ ކުޅުނު އެފްއޭކަޕްގެ ފައިނަލްގައި ޗެލްސީގެ މައްޗަށް ލެސްޓަރއިން ކުރި ހޯދީ 1-0 އިންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލް މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޔޫރީ ޓެއިލިސްމަންއެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް އެތައް ކުޅުންތެރިންނެއް ދަނީ އެކަމާ ޝުއޫރު ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި މުސްލިމް ކުޅުންތެރިންނާއި މުސްލިމް ނޫން ކުޅުންތެރިން ވެސް ހިމެނެއެވެ. މި ގޮތުން މިސްރުގެ މަޝްހޫރު ކުޅުންތެރިޔާ މުޙައްމަދު ޞަލާޙް ވަނީ ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކޮށްދިނުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވައިލައިފައެވެ. މީގެ އިތުރުން ޤަތަރާއި ޗިލީގެ ޓީމުތަކުގެ އިތުރުން ޖަރުމަނުގެ މެސުޓް އޮޒިލްކުޅޭ ތުރުކީގެ ފެނަބާޗޭ ޓީމުން ވެސް ވަނީ އެ ޓީމު ފަލަސްތީނާ އެކު ތިބިކަން ދައްކައިލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!