ދުނިޔެ

ރާއްޖޭގެ ޤުދުރަތީ ރީތިކަންސިފަވާ ގޮތަށް ހަދާފައިވާ "ޣައްޒާ މޯލްޑިވް" ރެސްޓޯރެންޓް ބިމާ ހަމަކޮށްލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފަލަސްތީނުގެ ގާޒާގައި ހުންނަ "ގާޒާ މޯލްޑިވްސް ރެސްޓޯރެންޓް"

ޣައްޒާގައި މިދިޔަ އަހަރު ހުޅުވި، "ޣައްޒާ މޯލްޑިވް" ރެސްޓޯރެންޓަށް ބޮން އަޅައި އެ ރެސްޓޯރެންޓް ހުންނަ އިމާރާތް ބިމާ ހަމަކޮށްލައިފިއެވެ.

Ads by Sosun Fihaara

އިސްރާއީލް ސިފައިން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި "ޣައްޒާ މޯލްޑިވް"ގެ ނަމުގައި ރާއްޖޭގެ ޤުދުރަތީ ރީތިކަން ސިފަވާ ގޮތަށް ހަދާފައިވާ މި އިމާރާތް ބިމާ ހަމަކޮށްލައިފައި ވަނީ މިއަދު ދިން ހަމަލާތަކުގައެވެ. 3 ބުރީގެ މިއިމާރާތް މުޅިން ވަނީ ސުންނާފަތި ކޮށްލައިފައެވެ.

ރާއްޖޭގެ ޖަޒީރާވަންތަކަން ވެސް އިހްސާސްކޮށްލެވޭ ކަހަލަ ގޮތަކަށް ހަދައިފައިވާ މި ރެސްޓޯރެންޓް ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވަނީ މިދިޔަ އަހަރު އެ ރެސްޓޯރެންޓްގެ ވެރިޔާ އިމާދު އަލްބައްޔާ ރޮއިޓާސްއަށް ދިން އިންޓަރވިއުއަކާ އެކުގައެވެ.

އެ އިންޓަރވިއުގައި އޭނާ ބުނެފައި ވަނީ، ރާއްޖެއަކީ ޣައްޒާގެ މީހުންގެ މެދުގައި ވަރަށް މަޤްބޫލު ތަނެއް ކަމަށާއި އެ ރެސްޓޯރެންޓަކީ ރާއްޖެއަށް ދިއުމުގެ ނަސީބު ނެތް މީހުންނަށް ރާއްޖޭގައިވާ ފަދަ އިހްސާސެއް ކޮށްދިނުމަށް ހެދި ރެސްޓޯރެންޓެކެވެ. މިއީ އެެއްފަހަރާ 1،200 މީހުންނަށް ޚިދުމަތް ދެވޭ ގޮތަށް ހަދައިފައިވާ ރެސްޓޯރެންޓެކެވެ.

ޣައްޒާއަކީ ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ސަރަޙައްދެކެވެ. 2 މިލިޔަން މީހުން ދިރިއުޅޭ ޣައްޒާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮށްޖެހިފައިވާ ސަރަޙައްދެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އެނޫން ވެސް ޒަރޫރީ ސާމާނު އެތެރެ ކުރެވެނީ އިސްރާއީލުން ހުއްދަ ދިނުމުން އެކަންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!