ވިޔަފާރި

ރިސޯޓު ކުލީގެ ޖޫރިމަނާއަށް އަނެއްކާ ވެސް ލުޔެއް

ރައުފާ ރަޝީދު

ރިސޯޓުތަކުގެ ކުލީގެ ޖޫރިމަނާ ދައްކަން ޖެހިފައިވާ ކުންފުނިތަކަށް ލުއިތަކެއް އަނެއްކާ ވެސް ދީ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މި ފުރުސަތު ހުށަހަޅާފައި ވަނީ އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިގޮތަށް މުއްދަތު އިތުރުކުރީ ވީހާ ވެސް ގިނަ ބަޔަކަށް ލުއި ދިނުމުގެ ގޮތުންނެވެ.

ޓޫރިޒަމްް މިނިސްޓްރީން މިކަމުގައި އެކުލަވާލާފައިވާ ގަވައިދުގައި ބުނާގޮތުން ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ގޮތުގައި، ބަޔާން ކޮށްފައިވާ އަދަދަށްވާ ފައިސާ، ތަން ތަރައްޤީކޮށް ނިމި ހިންގަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ބަހައިލައިގެން މިނިސްޓްރީ އޮފް ފިނޭންސްގައިވާ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޓްރަސްޓް ފަންޑުގެ އެކައުންޓަށް ދައްކަން ޖެހެއެވެ.

އަދި ކުލި ނުދައްކައިފި ނަމަ އަހަރެއްގެ މައްޗަށް 182 ޕަސެންޓް އިތުރަށް ފައިސާ ދައްކަން ޖެހެއެވެ. މިނިސްޓްރީން ބުނީ މި ފުރުޞަތުގައި ލުއިތައް ހޯދުމަށް އެދި ހުށަހަޅައިފައި ނުވާ ފަރާތްތަކުގެ ތެރެއިން  ފަތުރުވެރިކަމުގެ ބޭނުމަށް ޓަކައި ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރެވި ، ތަރައްޤީ ކުރެވިފައި ނުވާ ތަންތަނުގެ ކުލީގެ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށެވެ.

މިނިސްޓްރީން ގެޒެޓްކޮށްފައިވާ ގަވައިދުގެ ދަށުން ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ވެފައިވާ ތަންތަނަށް ކުލި ދެއްކުމަށް ތިން މަސް ދުވަސް މިނިސްޓްރީން ދީފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!