ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަން- އިތުރު މީހެއް ހައްޔަރުކޮށްފި

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން މިއަދު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖޭގައި މޫލައި ހެދެމުން އަންނަ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންގެ ފިޔަވަޅުތައް ވަރުގަދަކޮށް، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭ ރަށް ރަށުގައި ވެސް ފުލުހުންގެ އޮޕަރޭޝަންތައް މިހާރު ކުރިއަށް ގެންދަމުން ދެއެވެ.
މި އޮޕަރޭޝަންތަކަކީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ފަށާފައިވާ އޮޕަރޭޝަން ތަކެކެވެ.
އެ ހަމަލާއާ ގުޅިގެން ނޫސް ކޮންފަރެންސެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދުއަށް ދިން ހަމަލާ ގުޅިފައިވަނީ ހަރުކަށިފިކުރުގެ ބައެއްގެ ރޭވުމަކުން ދިން ހަމަލާއެއް ކަމަށް ޤަބޫލު ކުރެއްވޭ ކަމަށެވެ.