ރިޕޯޓް

ދިވެހީންގެ އެހީއާއެކު ފަލަސްތީނީންގެ މޫނަށް ހިނިތުންވުން ، އެހީވުމުގެ ފުރުސަތު ހުޅުވައިލެވިފައި!

އިބްރާހީމް ޙުސައިން

މެދުކެނޑުމެއް ނެތި 11 ދުވަސް ވާންދެން އިސްރާއީލުން ފަލަސްތީނަށް ދިން ލާއިންސާނީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓައިލާން އިސްރާއީލުން ވަނީ ނިންމައިފައެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސްއިން ވެސް ވަނީ މި ނިންމުމަށް އިޙްތިރާމްކޮށް ހަމާސްއިން ދޭ ހަމަލާތައް ހުއްޓައިލާން ވެސް ނިންމައިފައެވެ.

މި ނިންމުމަކީ ވަގުތީ ގޮތުން ފަލަސްތީނަށް ލިބިގެން ދިޔަ ލުޔެއް ނަމަވެސް ، ފާއިތުވެދިޔަ 11 ދުވަހު ދިން ހަމަލާތަކުގައި ކުށެއް ނެތް 232 މީހަކު އިސްރާއީލްގެ ޔަހޫދީން ސިފައިން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 65 ކުދީން ހިމެނެއެވެ. 1600އަށް ވުރެ ގިނަ މީހުނަށް މި ހަމަލާތަކުގައި އަނިޔާ ލިބުނެވެ. އެ އަނިޔާތަކުގައި އަތްފައި ބުރިވުމުގެ ސަބަބުން ބައެއް ކުދީންނާއި އާންމު ރައްޔިތުން ވަނީ ނުކުޅެދޭ ޙާލަތަށް ގެންގޮސްފައެވެ.

ހަމަލާތައް ހުއްޓައިލާން ނިންމި ނަމަވެސް މި ހަމަލާތަކުގައި ގެދޮރު ބިމާ ހަމަކޮށް ސުންނާފަތި ކޮށްލުމުން އެތައް ސަތޭކަ ބަޔަކު ވަނީ މަގުމަތިވެފައެވެ. ވަންނާނޭ ގެދޮރެއް ނެތެވެ. އުމުރު ދުވަހުން ބިނާކުރި ގެދޮރާއި ހިފާގެންގުޅޭ ސާމާނުތައް ސުންނާފަތިކޮށްލުމުން އެމީހުން ތިބީ ހުސްއަތާއެވެ. ލައިގެން ހުރި އަންނައުނު ނޫން އިތުރު އެއްޗެއް އެމީހުންގެ މިލްކުގައެއް ނުވެއެވެ.

މި ޙާލަތުގައި ދިވެހީން ވަނީ ދީލަތިކަމާއި އިންސާނިއްޔަތުކަން އިސްކޮށްފައެވެ. ކޮވިޑްގެ ބަލިމަޑުކަމާއެކު އިހްސާސްކުރަން ޖެހިފައިވާ އިގްތިޞާދީ ތަދުމަޑުކަމަކަށް ނުބަލައި ، ފަލަސްތީނުގެ މުސްލިމުން ނިކަމެތިވީ ހިނދު ދިވެހީން ވަނީ މުއުމިނުންގެ މިސާލު ދައްކައިދީފައެވެ. އެބަހީ ހަށިގަނޑުގެ ގުނަވަނަކަށް ވޭނެއް ތަހައްމަލު ކުރަން ޖެހިއްޖެ ނަމަ އެ ވޭނުގައި މުޅި ހަށިގަނޑު ބައިވެރިވާނެކަން ދިވެހީން ދައްކުވައިދީފިއެވެ.

ދިވެހީންގެ އެހީގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލްކަމަށްވާ ޝިފާ ހޮސްޕިޓަލަށް ތެޔޮ ފޯރުކޮށްދީ އެ ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓް ލިބުމުގެ ދަތިކަމަށް ލުޔެއް ހޯދައިދީފައެވެ. ހާލުގައި ޖެހުނު އާއިލާތަކަށް ފައިސާގެ އެހީއާއި ކެއާ ޕެކޭޖްތައް ހަދިޔާކޮށްދީފައެވެ.

މި އެހީތެރިކަމާއެކު ފަލަސްތީނީންގެ ހިތުގައި ދިވެހީންނަށް އޮތީ ޝުކުރެވެ. ލޯތްބެވެ. ހާސްކަމާއި ބިރުވެރިކަމުގެ ތެރޭގައި ތިބި ލޯބިވާ ފަލަސްތީނީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިނުމުގައި މެދުވެރިވި އެންމެންނަށް ﷲ އެކަމުގެ ބަދަލު ދެއްވާށިއެވެ. އާމީން!

ގެދޮރު ގެއްލި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަތެއް ދިއްކޮށްލުމަށް ޓަކައި އައިއޭސީގެ "ލޯތްބާއެކު" އަދިވެސް އޮތީ ހުޅުވައިލެވިފައެވެ. މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އައިއޭސީގެ 9122121އާ ގުޅުއްވައި މައުލޫމާތު ސާފު ކުރެއްވުމަށް އެ ޖަމްޢިއްޔާއިން އެދެއެވެ. އަދި ފައިސާގެ އެހީވާން އެދިލައްވާ ފަރާތްތަކުން އެ ޖަމްޢިއްޔާގެ ރުފިޔާ އެކައުންޓްގެ ނަމްބަރު 7770000026259 އަށް ފައިސާ ޖަމާކުރެއްވުމަށް ވެސް އެ ޖަމްޢިއްޔާއިން އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!