ޚަބަރު

ރިސޯޓްތަކުގެ 56 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފި

ރައުފާ ރަޝީދު

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 56 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ ތެރެއިން 97 އިންސައްތަ މުވައްޒަފުންނަށް މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ދީފައިވާ ކަމަށެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނަ އިރު، މި އަހަރުގެ މިހާތަނަށް ޖުމްލަ 435،025 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެ ޤައުމުން މިހާތަނަށް ޖުމްލަ 99،645 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެ ޤައުމުން 89،301 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ޖަރުމަނުން އައިސްފައި ވަނީ 23،311 ފަތުރުވެރިންނެވެ.

ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ފަށާފައިވާއިރު، މިހާތަނަށް 151،079 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 304،861 އަށް އަރައިފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!