ރިޕޯޓް މެދުއިރުމަތި

ގެދޮރު ގެއްލުނު ފަލަސްތީނުގެ އާއިލާއަކަށް އިތުރު ފުރާނައެއް! އުފާވެރިކަމާއެކު ވެސް ހިތްދަތިކަން!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިސްރާއީލްގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލާން ވަނީ ނިންމައިފައެވެ. އެކަމާ ގުޅިގެން ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ މުޖާހިދުން ވެސް ވަނީ އެ އެއްބަސްވުމަށް އިހްތިރާމްކޮށް މުޖާހިދުން ދޭ ހަމަލާތައް ވެސް މެދުކަނޑައިލާން ނިންމައިފައެވެ.

Ads by STELCO

މި ނިންމުންތަކަކީ ލިބިގެން ދިޔަ ހިތްހަމަޖެހުމެއް ނަމަވެސް ފަލަސްތީނުން މިއަދު ފެންނަމުންދާ މަންޒަރުތަކުން ހިތްތައް މަޑުވާނެއެވެ. ލޯތައް ކަރުނުން ފޯވާނެއެވެ. އެތައް ސަތޭކަ ބައެއްގެ ގެދޮރު ސުންނާފަތިކޮށްލުމުގެ ސަބަބުން އެ މީހުން ވަނީ މަގުމަތިވެފައެވެ. އިންސާނީީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ އެހީއަށް އެ މީހުން ވަނީ އިންތިހާއަށް ބޭނުންވެފައެވެ. ގެދޮޮރަށް ބޮން އަޅައި ބިމާ ހަމަކޮށްލުމުގެ ސަބަބުންނާއި އިސްރާއީލްގެ ބޯޑަރު ފެންސާ ގާތުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރިކަމަށް އެދި އެހެން ހިސާބުތަކަށް ދިޔުމުން އެތައް ސަތޭކަ ބަޔަކު ވަނީ ދަތި ހާލުގައި ޖެހިފައެވެ. މި ދަތިކަމުގެ ތެރެއިން ވެސް އުފާވެރިކަމާއި ހިތާމައިގެ މަސްހުނި އިހްސާސްތަކުގެ ތެރޭގައި އެތައް ބަޔަކު އެބަވެއެވެ.

އަންސާމް އަލްސަފަދީއަކީ އިސްރާއީލުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށް ދާން ޖެހުނު މާބަނޑު މަންމައެކެވެ. ފިރިމީހާއާއި އާއިލާއެކީގައި އެމީހުން ދިރިއުޅޭ ޣައްޒާގެ އުތުރު އައްސޭރިފަށުން ދާން ޖެހުނީ އެ ހިސާބަށް ނުރައްކާ ބޮޑުވުމުންނެވެ. އިސްރާއިލްގެ ބޯޑަރު ފެންސްގެ ގާތުގައި ދިރިއުޅޭތީ އާއިލާގެ ސަލާމަތަށް ޓަކައި އެމީހުންނަށް މަޖުބޫރުވީ އެ ހާލަތުގައި ވެސް އަމިއްލަ ގެދޮރުން ނިކުންނާށެވެ.

11 ދުވަހުގެ ހަނގުރާމަ ނިމުނު ދުވަހު ، އަންސާމް ވިހައި އާއިލާއަށް ވަނީ އުފާވެރިކަން ވެރިވެފައެވެ. ބުރާސްފަތި ދުވަހުގެ ފަތިހު އަލްއައުދާ ހޮސްޕިޓަލްގައި ވިހެއުމަށް ފަހު ގަޑިއިރުތަކެއް ފަހުން އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. ނަމަވެސް ލިބުނު އުފާވެރިކަން އިހްސާސްކުރުމަށް އެ އާއިލާއިން ދާނެ ގެއެއް ނެތެވެ. އަނބުރާ ދާން ޖެހުނީ އަމިއްލަ ވަޒަނުގައި ރެފިޔުޖީވެގެން ތިބޭން ޖެހިފައިވާ މަދަރުސާގެ ކްލާސް ރޫމަށެވެ.

ބޭރުގެ މީޑިއާތަކާ ވާހަކަ ދައްކަމުން އެ އާއިލާއިން ބުނެފައި ވަނީ ތުއްތު ދަރިފުޅު، މުޙައްމަދު އަލްސަފަދީ ލިބުމާއެކު އާއިލާއަށް އުފާވެރިކަން ވެރިވެފައިވާ ކަމަށާއި އެ ތުއްތު ކުއްޖާގެ ސަބަބުން ދިރިއުޅުން ބާއްޖަވެރިވެގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ދަރިފުޅުގެ މަންމަ އަންސާމް ބުނެފައި ވަނީ މިއީ އުނދަގޫ ދަނޑިވަޅެއް ކަމަށާއި ދަރިފުޅު ލިބުމުގެ އުފާވެރިކަން މި ކުރިމަތިވީ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައި ކަމަށެވެ.

ދަރިފުޅު ލިބުނު ނަމަވެސް އެމީހުންނަށް ދަރިފުޅާ މެދު ކުރެވޭނެ މާ ފޮނި އުއްމީދެއް ނެތެވެ.ދާނެ ތަނެއް ނެތެވެ. އަމިއްލަ ގެދޮރަށް ދިޔުމަކީ އަދި ވަކީން ނުރައްކާތެރިކަން ބޮޑު ކަމެކެވެ. އެތައް ބަޔަކާއެކީގައި ކްލާސް ރޫމެއްގެ ތެރޭގައި އުޅުން ނޫން ގޮތެއް ނެތެވެ. އަދި އެހީގެ ގޮތުގައި ލިބޭ މަދު ތަކެތީން ނޫނީ ދިރިއުޅުމުގެ ބޭނުންތައް ފުއްދޭކަށް ނެތެވެ. ދަރިފުޅު ލިބުމާއެކު އުފާވެރިކަން ވެރިވީ ނަމަވެސް އުއްމީދެއް ނެތް ، އެ ހާލުގައި ދިރިއުޅުން ނޫން ގޮތެއް އަލްސަފަދީގެ އާއިލާއަކަށް ނެތެވެ.

އަލްސަފަދީ ، ތުއްތު ދަރިފުޅާއެކު މިހާރު ދިރިއުޅޭ މަދަރުސާގައި

އިސްރާއީލުން ދިން ހަމަލާތަކުގައި 230 މީހުން ޝަހީދު ކޮށްލައިފައި ވެއެވެ. އޭގެ ތެރޭގައި 65 ކުޑަކުދީން ހިމެނެއެވެ. އަދި 72،000 މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!