އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓި މީހަކު ޒަހަމް ވެއްޖެ
ހުޅުމާލޭގެ އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓި މީހަކު ޒަހަމްވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެމީހާ ވެއްޓުނީ ހުޅުމާލެ ސޭފްގޭޓް ފިހާރަ ހުންނަ އިމާރާތުންނެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭ އިމާރާތެއްގެ ދެވަނަ ބުރީގައި އޭސީއެއް ހަރުކުރަން އުޅުނު މީހަކު އައުޓްޑޯރ ޔުނިޓާ އެއްކޮށް ބިންމައްޗަށް ވެއްޓި އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާއަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މާލޭގެ އިމާރާތެއްގެ ފަސްވަނަ ބުރިން ވެސް ރޭ މީހަކު ވަނީ ވެއްޓިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ އަދިވެސް ހެޔެއް ނާރައެވެ. އަދި އޭނާ އޮތީ އައިސީޔޫގައެވެ.އޭނާ ވެއްޓެން ދިމާވި ސަބަބެއް އަދި މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ޒަޚަމްތަކާއެކު މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ކުރީ ރޭ ހުޅުމާލެއިން ވެސް ފެނިފައި ވެއެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ވެސް ފުލުހުން އަދި ނުދެއްވައެވެ.