ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން 241 ކޮމެޓީން ނޫސްވެރިންގެ ބައްދަލުވުމެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމިޓީ)ގެ ފަރާތުން ހޯމަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

މަޖިލިސް ރައީސްއަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ގިނަ ކަންކަން އެ ކޮމެޓީން ބަލާފައިވާއިރު ނަޝީދުގެ ސެކިއުރިޓީ ފެއިލްވިގޮތުގެ އިންކްއަރީއެއް ހެދުމުގެ މަސައްކަތް އެކޮމިޓީން ގެންދަނީ ކުރަމުންނެވެ.

މިގޮތުން އެ ކޮމިޓީން ވަނީ ފުލުހުންގެ ޚިދުމަތާއި ކަމާ ބެހޭ މާހިރުންނާ އެކު ސިއްރު ބައްދަލުވުންތަކެއް ބާއްވައިފައެވެ. ހަމަލާގެ އިންކުއަރީ 241 ކޮމިޓީން ކުރިއަށް ގެންދިއުމަށް މަޖިލީހުން ފާސްކުރީ މި މަހުގެ 17 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

އެގޮތުން މަޖިލީހުން ނިންމީ އިދާރާތަކުން ކުރަމުން އަންނަ ތަހުގީގަށް ފާރަވެރިވުމަށާއި ހަމަލާ ދިނުމަށް މެދުވެރި ސަބަބުތައް ދެނެގަނެ، ރައީސް ނަޝިދަށް ރައްކާތެރިކަން ފޯރުކޮށްދިނުން ހަރުދަނާ ކުރުމުގެ އިތުރުން މިފަދަ ހަމަލާއެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހޯމަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާތަނަށް ކޮމެޓީއަށް ހޯދުނު ހޯދުންތަކުގެ މައުލޫމާތުތައް ހިއްސާކުރާނެއެވެ.

މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވި ނަމަވެސް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ. ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގައެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!