ކޮވިޑް-19: ސޯޝަލް ސެންޓަރުން ސާމްޕަލް ނެގޭ ގޮތަށް ހަމަޖައްސައިފި

ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން، މިއަދުން ފެށިގެން މާލޭގައި ހުންނަ ސޯޝަލް ސެންޓަރުން ވެސް ނެގޭ ގޮތަށް ހަމަޖައްސައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ސާމްޕަލް ނެގުމަށް އައު ސެންޓަރެއްގެ ގޮތުގައި ސޯޝަލް ސެންޓަރ ހަމަޖައްސައިފައިވާ ކަމަށެވެ.
އެ ސެންޓަރު ހުޅުވައިފައި ހުންނާނީ މެންދުރު 1:00 އިން ހަވީރު 3:30 އަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އެ ސެންޓަރަށް ވަނުމަށް ރަސްފަންނާ ދިމާލުން، ފުޓްބްރިޖާއި ކައިރި ހުޅަނގު ފަރާތު ގޭޓު ބޭނުން ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމާއެކު، ސާމްޕަލް ނެގުމުގައި ވެސް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. އެގޮތުން ބައެއް ކޮވިޑް ސެންޓަރު ތަކުގައި ވަރަށް ދިގު ކިޔޫތައް ވެސް ހަދާފައި ހުރެއެވެ.