އިމްރާންގެ ވާހަކަތައް އީވާ ދޮގު ކުރައްވައިފި
ރައީސް ނަޝީދަށް ހަމަލާ ދިން ރޭ އޭޑީކޭގައި ނޫސްވެރިން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅުތައް ދޮގު ކުރައްވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މިނިސްޓްރު އިމްރާން އެދުވަހު ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުމެއް ލިބިވަޑައިގަންނަވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިޖިލިސް ޖަލްސާގައި މިކަމާއި ގުޅިގެން މިނިސްޓަރ އިމްރާންއާ ގިނަ މެންބަރުން ވަނީ ސުވާލުކުރައްވާފައެވެ. އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން އެ ރޭ އޭނާ ވާހަކަ ދެއްކެވީ އޭޑީކޭގެ ޑޮކްޓަރުންނާއި ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން ހިއްސާ ކުރެއްވި މައުލޫމާތަށް ބަލައިގެން ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވުމާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު، އީވާ އަބްދުﷲ ވިދާޅުވީ އެރޭ ޑޮކްޓަރުންގެ އެއްވެސް ބޭފުޅަކު އަދި އާއިލާގެ އެއްވެސް ބޭފުޅަކު ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
މިނިސްޓަރ އިމްރާން މިއަދުގެ ޖަލްސާގައި ވިދާޅުވީ ޓެރަރިޒަމާ ގުޅުން ހުރި 14 މީހަކު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ. ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ބައެއް ގޭގެއާއި ތަންތަން ބަލާފާސް ކޮށް މީހުން ހައްޔަރު ކޮށްފައިވެއެވެ.
ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާނެހެން ބޮމެއް ގޮއްވައިލާ ހަމަލާ ދީފައި ވަނީ މި މަހު 6 ވަނަ ދުވަހުގެ ރެއެވެ. ކުރުނބާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަންނަވަން ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަން އުޅުއްވަނިކޮށް ދިން އެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ވެ، އޭޑީކޭ ހޮސްޕިޓަލުގައި 16 ގަޑިއިރު ތެރޭ ހަތަރު އޮޕަރޭޝަން ކޮށްފައިވެއެވެ. އެއަށް ފަހު އިތުރު ފަރުވާއަށް މިހާރު އެމަނިކުފާނު ހުންނެވީ ޖަރުމަނުގައެވެ.