އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރުކަމަށް ނިޔާޒް ބަދަލުކޮށްފި
މީގެ ކުރިން އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރަކަށް ހުންނެވި ހުސެއިން ނިޔާޒް، އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ބަދަލުކޮށްފިއެވެ.
އުރީދޫ ކުންފުނީގެ މައި އެއް ތަނބުކަމަށްވާ ނިޔާޒް، އެ ކުންފުންޏަށް ހިދުމަތް ކުރައްވަން ފެއްޓެވީ މީގެ 16 އަހަރު ކުރިންނެވެ. ނިޔާޒް އުރީދޫގައި އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ އާރްއެންއީ ޓެކްނީޝަނެއްގެ ގޮތުގައެވެ. އެއަށްފަހު އޭނާ ވަނީ އުރީދޫގެ މެނޭޖާ ނެޓްވޯކް ޕްލޭނިން އެންޑް އޮޕްޓިމައިޒޭޝަންގެ މަގާމާއި ހެޑް އޮފް ނެޓްވޯކްސް އާއި ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަންގެ މަގާމު ވެސް ފުރުއްވައިފައެވެ.
އުރީދޫގެ ހީވާގި ޓީމާ ގުޅުމުގެ ކުރިން ނިޔާޒް ވަނީ އެމްއެންޑީއެފްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު މަސައްކަތް ކުރައްވައިފައެވެ.
ހުސެއިން ނިޔާޒަކީ، ޓެލެކޮމް މެނޭޖްމަންޓުން އެގްޒެކެޓިވް މާސްޓާސް ހާސިލު ކުރައްވައި، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާމީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ތަމްރީނު ހޯއްދަައިފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު ނަޖީބް ޚާން ވިދާޅުވިގޮތުގައި، އެ ކުންފުނީގައި ނިޔާޒް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައި ވާއިރު، އޭނާ ކުރައްވާފައި ވަނީ ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ.
"ޓެކްނިކަލް އަދި ކޮމާޝަލް ދާއިރާގައި ނިޔާޒަށް ލިބިފައިވާ ގިނަގުނަ ތަޖުރިބާތަކާއެކު، ކުންފުންޏަށް އިތުރު ކުރިއެރުން ހޯދައިދީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތި ކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭނެކަން ޔަގީން،" ނަޖީބް ޚާން ވިދާޅުވިއެވެ.
އުރީދޫން ވިދާޅުވީ ދިވެހި މުވައްޒަފުން ބިނާކޮށް، ކުންފުނީގެ އެންމެ އިސް މަގާމުތަކަށް ދިވެހިންނަށް ލިބޭ ފުރުސަތުތައް ފަހިކޮށްދިނުމަކީ، އެ ކުންފުނިން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.