ފަތުރުވެރިކަން އިޔާދަވާނީ 2022 ގައި: އަމީރު

ކޮވިޑް ބަލިމަޑުކަމުގެ ކުރީގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިން އޮތް މިންވަރަށް 2022 ވަނަ އަހަރުގެ ކުރީކޮޅު އިޔާދަވާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިގޮތަށް ވިދާޅުވީ ހެލްތު އިމަންޖެންސީ ސެންޓަރުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
ފަތުރުވެރި ކަމުގެ ސިނާއަތް ރަނގަޅުވުމުގެ ހަގީގީ ސިއްރަކީ އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި ރައްޔިތުންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން އަދި ޓޫރިސްޓުންގެ ސަލާމަތްތެރިކަމަށް ސަރުކާރާއި އިންޑަސްޓްރީން ދިން އަހަމިއްޔަތު ކަމަށް ޑރ.މައުސޫމް ވެސް ވަނީ ވިދާޅުވެފައެވެ.
މައުސޫމް މިހެން ވިދާޅުވީ ވަޅު ޖެހިފައި އޮތް ޓޫރިޒަމް އިންޑަސްޓްރީ ކޮވިޑުން އަރައިގަނެ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ސައޫދީ އަރަބިއްޔާގައި އިއްޔެ ބޭއްވި "ރިކަވަރީ ސަމިޓް" ގައެވެ.