ހިލޭ އެހީއާއި ލޯނުގެ ގޮތުގައި 1.3 ބިލިއަން ޑޮލަރު ހޯދުނު: އަމީރު

ނިމިދިޔަ 2020 ވަނަ އަހަރު ލޯނާއި ހިލޭ އެހީ ހޯދުމަށް ކުރެވުނު މަސައްކަތުން 1.3 ބިލިއަން ޑޮލަރު ހޯދުނު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ހިލޭ އެހީއާއި ލޯނުގެ ގޮތުގައި 1.3 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 464 މިލިއަން އެމެރިކާ ޑޮލަރަކީ ކޮވިޑް-19 ގެ ހާލަތުގައި ބޭނުން ކުރުމަށް ހޯދި ފައިސާ ކަމަށެވެ. އަދި އެހެނިހެން ކަންކަން ކުރުމަށް އެކި ގޮތްގޮތުން 872 މިލިއަން ޑޮލަރު ހޯދާފައިވާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވާހަކަ ދައްްކަވަމުން ވިދާޅުވީ ވޭތުވެ ދިޔަ އަހަރު ހޯދި 1.3 ބިލިއަން އެމެރިކާ ޑޮލަރުގެ އެވެރެޖު އިންޓަރެސްޓު ރޭޓަކީ 1.7 އިންސައްތަ ކަމަށެވެ.
އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނީ އިންޑިޔާއިން ކަމަށް ފާހަގަ ކުރައްވައި އަމީރު ވިދާޅުވީ، އިންޑިޔާ ސަރުކާރު މެދުވެރިވެގެން ޖުމްލަ 400 މިލިއަން އެމެރިކާ ޑޮލަރު ލިބުނު ކަމަށެވެ. އަދި ޖަޕާނު ސަރުކާރާއި ޖައިކާ މެދުވެރިވެގެން 50 މިލިއަން ޑޮލަރު ލިބުނު ކަމަށާއި، ސަޢޫދީ ފަންޑުން ވެސް 50 މިލިއަން ޑޮލަރު އަދި ދުބާއީ ފަންޑުން ވެސް 50 މިލިއަން ޑޮލަރު ހަމަޖެހުނު ކަމަށް އަމީރު ވިދާޅުވިއެވެ. އެ ތިން ޤައުމު ޖުމްލަ ދީފައި ވަނީ 2.3 ބިލިއަން ރުފިޔާއެވެ.