ދީން

މައިމީހާ، ދަރިފުޅަށް ކުރާ ރަހުމަށް ވުރެ ބޮޑަށް، ﷲތަޢާލާ، އަޅުތަކުންގެ މައްޗަށް ރަހުމްވެ ވޮޑިގަންނަވާ: ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެން އެންމެންނަކީ ވެސް މުސްލިމުންނެވެ. އަޅުގަނޑުމެން އަޅުކަން ކުރަނީ ﷲ ތަޢާލާގެ ހަޒްރަތަށެވެ. ކަންކަމުގައި މަދަދަށް އެދެނީ އެކަލާނގެ ހަޒްރަތުންނެވެ. އެކަލާނގެ އިރާދަފުޅާ ލައިގެން މެނުވީ އެއްވެސް ކަމެއް ނުވާނެ ކަން އަޅުގަނޑުމެން ގަބޫލު ކުރަމެވެ. އަދި ޝަރީކު ކުރުމަކީ ބޮޑުވެގެންވާ ފާފައެއް ކަން އަޅުގަނޑުމެން ދަންނަމުއެވެ. މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ހައްޤު ގޮތުގައި ﷲއަށް ވަކީލު ކުރުން" މިއެވެ.

Ads by STELCO

ވަކީލުކުރުން ހައްޤު ގޮތުގައި ﷲ ސުބްހާނަހޫ ވަތަޢާލާއަށް ވަކީލު ކުރުމަކީ މުއުމިން އަޅުތަކުންގެ މަތިވެރި ސިފައެއް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ. އަދި އެއީ ޔަގީންކަމުގެ އެންމެ މަތީ ދަރަޖަ ކަމަށާއި ކުއްތަންވެގެންވާ މީހުންގެ މަތިވެރި ޝަރަފެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ މުއުމިނުންނަކީ އެއްވެސް ހާލެއްގައި މާތްﷲއަށް ޝަރީކު ކުރާނޭ ބައެއް ނޫން ކަމަށެވެ. އަދި އެހެން ފަރާތްތަކުން މަދަދަށް އެދޭނޭ ބައެއް ވެސް ނޫން ކަމަށެވެ.

މީގެ އިތުރުން ހައްޤު ގޮތުގައި މާތްﷲއަށް ވަކީލުކުރާ މީހަކު ރަމަލުޖެހުމާއި، ފާލު ބެލުމާއި، އަތް ބެލުމާއި ތަވީދު އެޅުން ފަދަ ޝިރުކުގެ އަމަލުތަކުން އެއްކިބާ ވާނެ ކަމުގައި ވެސް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ﷲ ތަޢާލާ މިންވަރު ކުރެއްވި ކަމެއް ފިޔަވައި ނުވާނޭ ކަން ހިތުގެ އަޑިން ގަބޫލު ކުރާނޭ ކަމަށް ވެސް ހުތުބާގައިވެއެވެ.

"އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ސަބަބުތަކުގައި ހިފައިގެން، ﷲ ސުބުހާނަހޫ ވަތަޢާލާއަށް ބަރޯސާ ވުމެވެ. މިއަދު އަޅުގަނޑުމެންނަށް މެދުވެރިފައިވާ ކޮވިޑް-19ގެ ހާލަތުން އަރައިގަނެވެން އޮތީ، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިހްތިރާމް ކޮށްގެންނެވެ. އަތްދޮވުމާއި ގައިދުރުކަން ބެހެއްޓުމާއި ތަންތަނަށް އެއްވެ ނޫޅުމާއި މާސްކު އެޅުން ފަދަ އިރުޝާދު ތަކަށް އަމަލު ކުރުމާއެކު ﷲއަށް ވަކީލު ކޮށްގެންނެވެ." ޚުތުބާގައި އިތުރަށް ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ ﷲއީ އަޅުތަކުންނަށް އިންތިހާ ދަރަޖައަށް ރަހުމުކުރައްވާ ރަސްކަލާނގެ ކަމަށެވެ. އިންސާނައަށް ﷲ ދެއްވާފައިވާ ނިއުމަތްތަކުގެ ގިނަކަމާއި، ސިއްރާއި ފައުޅުގައި އޭނާއަށް ލައްވާ ރަހުމަތުގެ ބޮޑުކަމުން، އެކަން ބަލައި ހިސާބު ކުރުމަކީ އިންސާނައަށް ކުޅަދާނަ ކަމެއް ނޫން ކަމަށެވެ.

"މައިމީހާ، އޭނަގެ ތުއްތު ދަރިފުޅަށް ރަހުމުކުރާވަރަށް ވުރެ މާ ބޮޑަށް ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް އޯގާތެރިވެ ވޮޑިގަންނަވައެވެ. މި ދުނިޔޭގައި ﷲގެ ރަހުމަތްފުޅު ވަނީ އެންމެހައި އަޅުތަކުންގެ މައްޗަށް އާއްމުވެ ޝާމިލު ވެގްނެނެވެ. އުޑުތަކާއި ބިމުގައި ވާހާ އެއްޗެއް ﷲ އުފައްދަވާފައިވަނީ އެ ތަކެތިން އިންސާނުން ފައިދާ ލިބިގަތުމަށް ޓަކައެވެ." ހުތުބާގައި އިތުރަށް ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!