ޚަބަރު

ހުޅުމާލެ ފެސިލިޓީގައި ބަލި މީހުންނަށް ދޭ ޚިދުމަތްތަކާމެދު އެޗްއާރުސީއެމްގެ ކަންބޮޑުވުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެ މެޑިކަލް ފެސިލިޓީން ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ފަރުވާދޭ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ ކޮމިޝަނުގެ ޓީމެއް ވަނީ 2011 މެއި 25 ވަނަ ދުވަހު އެ ފެސިލިޓީއަށް ޒިޔާރަތް ކޮށްފައެވެ. މި ޒިޔާރަތުގައި ފާހަގަ ކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ފައްސިވާ މީހުން އެނދުމަތިކޮށްގެން ސިއްޙީގޮތުން ދޭންޖެހޭ ހުރިހާ ފަރުވާއެއް ދިނުމަށް ޤާއިމުކޮށްފައިވާ ތަނަކަށްވާ އިރު ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ޢަދަދަށާއި، ބަލިމީހުންގެ ސިއްޙީ ޙާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން މިފަދަ ފެސިލިޓީއެއްގައި ބަލިމީހުން އެނދުމަތިކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވިއެވެ.

އަދި ފެސިލިޓީގައި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ނަރުހުންކަމަށްވާ އިރު ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކު ވެސް ގިނަ ޢަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް މި މުވައްޒަފުން ކުރަމުންދާއިރު އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަ ކުރައްވައިފައި ވެއެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ވިދާޅުވީ ބަލިމީހުންގެ ޢާއިލާތަކުން ފޮނުވާ ތަކެތި ބަލައިގަންނަ ވަކި ގަޑިތަކެއް އެނގޭ ގޮތަށް ފެސިލިޓީ ބޭރުގައި ލިޔުމެއް ހަރުކޮށްފައިވާކަމަށާއި، ޢާއިލާތަކުން ފޮނުވާ ކާބޯތަކެއްޗާއި އެފަދަ އެހެނިހެން ތަކެތި ބަހައްޓާ ތަނުގައި އަބަދުވެސް މީހަކު ހުންނައިރު މިގޮތަށް ގެނެވޭ ތަކެތި ވަގުތުން އެ ވޯޑެއްގައި އެކަމަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ގެންދާކަމާއި، ނަމަވެސް އެތަނުން ބަލިމީހާއާ ހަމައަށް އެ ތަކެތި ގެންދަނީ އެޓެންޑެންޓެއް ނުވަތަ ނަރުހެއްކަމަށް ވުމުން، އެ ފަރާތްތަކުގެ މަސައްކަތް ހުންނަގޮތުން ބަލިމީހާއާ ހަމައަށް ތަކެތި ގެންގޮސްދިނުމުގައި ލަސްވާކަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ޑައެޓީޝަނެއްގެ ލަފާގެމަތިން އެ މީހެއްގެ ބައްޔާ ގުޅޭ ގޮތުން ކެއުން ފޯރުކޮށްދޭކަމާއި، ކޮންމެ ގަޑިއަކަށް ކެއުން އޯޑަރ ކުރާއިރު، އެވަގުތެއްގައި ފެސިލިޓީގައި ތިބި ބަލިމީހުންގެ ބޭނުންތަކަށް ބެލުމަށް ފަހު އެ އަދަދަށް އޯޑަރ ކުރިކަމުގައި ވިޔަސް، މިފަދަ ތަނަކުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ ބަލިމީހުންގެ ޙާލަތަށް ރިޢާޔަތް ކުރާއިރު، އެންމެ
އެކަށީގެންވާ ކެއުމެއް ނޫންކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، ބަލިމީހުން މިހާރު ތަހައްމަލުކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ބައެއް ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން ދީފައިވާ މަޢުލޫމާތުން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަަށް ވެސް ހިޔުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އެ ފެސިލިޓީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ފައްސިވާ މީހުން އެކަނި އެޑްމިޓްކޮށްގެން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ ތަނަކަށް ވީނަމަވެސް، އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލިމީހުންގެ އެހީތެރިން ވެސް މިހާރު ތަނުގައި ތިބޭކަމާއި، މިހެންވުމުގެ ސަބަބުން ތަނުގެ ޖާގައަށްވުރެ އިތުރަށް މީހުން ވޯޑުތަކުގައި ތިބެންޖެހުމުގެ ސަބަބުން އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭ ކަމަށެވެ.

ކޮމިޝަނުން ބެލި ބެލުމުން ފެސިލިޓީގައި މީހަކު އެޑްމިޓް ކުރުމަށްފަހު ކުއްލި ޙާލަތްތަކުގައި ބަލިމީހުންގެ ކަންކަމުގައި ޢާއިލާއަށް ގުޅޭނެ ފޯން ނަންބަރެއް ހޯދާކަމާއި، އަދި އެ މީހަކަށް ބަލިމީހާ އެޑްމިޓް ކުރި ވޯޑާއި އެނދު ނަމްބަރު އަންގާއިރު ބަލިމީހާގެ ޙާލަތު ބަދަލުވާ ނަމަ ޑޮކްޓަރެއް އެ މަޢުލޫމާތު ޢާއިލާއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ބަލިމީހުންގެ މަޢުލޫމާތު ޢާއިލާތަކަށް
ފޯރުކޮށް ދިނުމަށް ވަކި ފަރާތެއް ހަމަޖައްސާފައި ވީނަމަވެސް އެ ފަރާތަށް ވޯޑުތަކުން މަޢުލޫމާތު ލިބުން ލަސްވުމުގެ ސަބަބުން އެންމެ އެދެވޭ ގޮތުގައި ޢާއިލާތަކަށް ބަލިމީހާގެ މަޢުލޫމާތު ފޯރުކޮށް ނުދެވޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އަދި ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީ ގޮތުން އެތައްކަމެއް ތަޙައްމަލުކުރަން ޖެހޭއިރު، އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށް ނުދެވޭކަން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން އެ އެހީތެރިކަން އެ މުވައްޒަފުންނަށް ފޯރުކޮށް ދިނުމަކީ މި ކޮމިޝަނުން ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައި ތިބޭ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތްކުރުވާކަމާއި އަދި އެހާ ގިނައިރު މަސައްކަތްކުރުވާއިރު މި މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަތަކެއްވެސް ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ގައުމުގައި ދިމާވާ މިފަދަ ހައްސާސީ މައްސަލަތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!