ހަރުކަށިފިކުރުގެ ތިން މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރުގެ މީހުން ހޯދައި ހުއްޓުވުމަށް ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހައްޔަރު ކުރި މި ތިން މީހުންނަކީ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން މާލޭ ސަރަހައްދުގެ ކަނޑުމަތީ އޮޕަރޭޝަނާއި ހުޅުމާލެގައި ހިންގި އޮޕަރޭޝަނުން ހައްޔަރު ކުރި ތިން މީހުންނެވެ. މި އޮޕަރޭޝަންގައި ސަފާރީއެއްގެ އިތުރުން އެހެން ބައެއް އުޅަނދުތައް ވެސް ފުލުހުން ވަނީ ބަލައި ފާސް ކޮށްފައެވެ.
މި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރު ކުރި ނަމަވެސް މިކަމާ ގުޅޭ އިތުރު މަައުލޫމާތެއް ފުލުހުން ހާމައެެއް ނުކުރެއެވެ.
މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުން އަންނަނީ ހަރުކަށި ފިކުރުގެ މީހުން ހޯދައި ހައްޔަރު ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ވެސް ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހުރި މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.