ޚަބަރު

މިސްކިތަށް އަރައިގެން އެއްވެސް މީހަކު ޖޫރިމަނާކޮށްފައެއް ނުވާނެ: ފުލުހުން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ގައިދުރުކަމާއެކު މިސްކިތުގައި ނަމާދު ކުރަނީ: ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިސްކިތަށް އެރުން މަނާ ކޮށްފައިވާ މި ދަނޑިވަޅުގައި، މިސްކިތަށް އެރުމުގެ ސަބަބުން އެއްވެސް މީހަކު އަދި ޖޫރިމަނާ ކޮށްފައި ނުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ފުރުގާން މިސްކިތުން ނަމާދުކޮށްގެން ފޭބި މީހަކު ޖޫރިމަނާ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ވަނީ ދައުރުވާން ފަށައިފައެވެ. އެ ޕޯސްޓުގައި އޭނާ ވަނީ އޭނާގެ އަތުގައި އޮތް ދެ ފާހާއެކު ޖޫރިމަނާކޮށް ފުލުހުން ދިން ސްލިޕްކޮޅުގެ ނަމްބަރު ވެސް ހިއްސާކޮށްފައެވެ. އަދި އެ މީހާ ޖޫރިމަނާ ކުރުމުން ފުލުހަށް ގުޅި ކަމަށާއި، މިސްކިތަށް ނަމާދަށް އެރުމަކީ މަނާކަމެއް ކަމަށް ފުލުހުން ޖަވާބު ދީފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެފަދަ ގޮތަކަށް މިސްކިތަށް އެރުމުގެ ސަބަބުން ކިތައް މީހުން ޖޫރިމަނާ ކޮށްފައިވޭތޯ ނޫސްވެރިން ސުވާލު ކުރުމުން، މިސްކިތަށް އަރައިގެން އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 މިހާރު ފެތުރިފައިވާ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން މާލޭ މިސްކިތްތައް ވަނީ ރޭ ފަތިސް ނަމާދަށް ފަހު ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދު ކުރަން ނިންމައިފައި ވީ ނަމަވެސް މިސްކިތްތައް ބަންދު ކުރީ އިމާމު މީހާ ފިޔަވައި އާންމުނަށް ނޭރޭ ގޮތަށް ކަމަށާއި، ކޮންމެ ނަމާދެއްގެ ވަގުތުގައި ވެސް ބަރާބަރަށް ގަޑިއަށް ބަންގި ގޮވާނެ ކަމުގައި އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!