މާލެއިން ފައްސިވި މީހުންގެ އަދަދު މިއަދު މަދު!އަދަދު 468އަށް!
ކޮވިޑް-19އަށް މިއަދު އިތުރު 901 މީހުން ފައްސިވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްޕީއޭ)އިން ހާމަ ކުރައްވައިފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 901 މީހުންގެ ތެރެއިން މާލެއިން ފައްސިވީ 468 މީހުންނެވެ. މިދިޔަ ދުވަސްތަކުގައި މާލެއިން ފައްސިވާ އަދަދު ހުރީ މިއަދަދަށް ވުރެ ޑަބަލްކޮށެވެ.
އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު އަތޮޅުތެރެއިން މިއަދު ކޮވިޑް-19 އަށް ފައްސި ވެފައި ވަނީ 417 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން 11 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްތަކުން ހަތަރު މީހަކާއި އިންޑަސްޓްރިއަލް ރަށްތަކުން އެކަކު މި ބައްޔަށް ފައްސި ވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
މިހާތަނަށް ރާއްޖެއިން 61،844 މީހުން ފައްސި ވެފައިވެއެވެ. އަދި މި ބަލީގައި މިވަގުތު އެކްޓިވްކޮށް 24،818 މީހުން ތިބި ކަމަށް ވެސް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވީ މީހުންގެ ތެރެއިން 36،862 މީހުން ވަނީ މި ބަލިން ފަސޭހަ ވެފައެވެ. ހޮސްޕިޓަލުތަކުގައި ކޮވިޑަށް މިވަގުތު 252 މީހުން ފަރުވާ ހޯދަމުން އެބަދެއެވެ. އަދި 155 މީހުން މި ބަލީގައި ރާއްޖެއިން ނިޔާވެފައިވާ ކަމަށް މިހާތަނަށް ރިކޯޑުތަކުން ދައްކައެވެ.
ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެޗްޕީއޭ އިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވެނީ ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.