ރައީސް ނަޝީދުގެ ސެކިއުރިޓީއާބެހޭ މައްސަލަ އާންމުވި ގޮތް މަޖިލީހުން ބަލަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ބެހޭ މުހިއްމު މައުލޫމާތުތަކެއް މީޑިޔާއަށް ހާމަވުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އިން ނިންމައިފިއެެވެ.
ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މަޝްވަރާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމަށް ފަހު އެ ކޮމިޓީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، 28 މެއި 2021، ގައި "މިހާރު" ނޫހުގައި "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމަށާއި ނުރައްކާ އޮތްކަން ނަޝީދަށް އެމް.އެން.ޑީ.އެފުން އެންގި" މި ސުރުޙީގެ ދަށުން ލިޔެފައިވާ އާޓިކަލުގައި، ރައީސް ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި، ހާއްސަކޮށް އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތު ބަޔާން ކޮށްފައިވާ ކަމަށެވެ.
އެފަދަ މައުލޫމާތު އެގޮތަށް އާއްމުވުމަކީ ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަމުގެ އިތުރުން އެމަނިކުފާނުގެ ގެކޮޅުކަމުގައިވާ ގ.ކެނެރީގޭގަައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާކަމެއް ކަމުގައި ދެކޭކަމަށް އެ ކޮމިޓީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް، ސިފައިންގެ ގާނޫނު (ގާނޫނު ނަންބަރު 1/2008) ގެ 24 ވަނަ މާއްދާ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެ ނޫން އެއްވެސް ފަރާތްތަކަށް ހިއްސާ ކުރުމަކީ މަނާކަމެއްކަމާއި ދިވެހި ރާއްޖޭގެ ގާނޫނޫލްއުގޫބާތު (ގާނޫނު ނަންބަރު 2015/6) ގެ ދަށުން ކުށެކެވެ" ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުން އެ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައަކަށްވެފައި، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން ގެންދިޔުމަކީ 241 ކޮމިޓީގެ ދޫސްތޫރީ ޒިންމާއަކަށް ވުމުން، އެ މައްސަލަ އެ ކޮމިޓީބަލަން ނިންމާފައިވާ ކަމަށެވެ.