ކޯވިޑް-19 ދިފާޢު : އިތުރު 1،168 މީހުން ވެކްސިން ފުރިހަމަކޮށްފި

ކޯވިޑް-19ގެ ވެކްސިންގެ 2ވަނަ ޑޯޒް އިތުރު 1،168 މީހަކު ރާއްޖެއިން ފުރިހަމަކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24ގަޑިއިރު ތެރޭ ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުގެ ސެންޓަރުތަކުން ޖަހައިފައި ވަނީ 858 މީހުންނެވެ. މާލެ ސަރަހައްދުން 310 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވެއެވެ.
ވޭތުވެދިޔަ 24ގަޑިއިރު 422 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އަތޮޅުތަކުން ސެންޓަރުތަކުން ވެކްސިންގެ ފުރަތަަމަ ޑޯޒް ޖަހާފައި ވަނީ 252 މީހުންނެވެ. އަދި މާލެ ސަރަހައްދުން 170 މީހުންނެވެ. މިއާ އެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 309،444 އަށް އަރައިފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.
އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.