ރާއްޖެއިން ކޮވިޑް-19އަށް ފައްސިވީ ޖުމްލަ އަދަދު 64،396 އަށް އަރައިފި
ރާއްޖެއިން މިއަދު އިތުރު 710 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 488 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 202 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 5 މީހުންނެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 64،396 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 40،117 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 161 މީހުންނެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުން ދަނީ 204 މީހުންނަށެވެ.
މި ފަހަކަށް އައިސް ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަކަން ފާހަގަ ވެއެވެ.
ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެޗްޕީއޭ އިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވެނީ ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.