ރިޕޯޓް ދުނިޔެ

މުސްލިމުންގެ ޘަޤާފަތާ ދުރުކޮށް ހިންދޫންގެ "އަޅުވެތި ކަމަށް" ލަކްޝަދްވީޕް

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ލަކްޝަދްވީޕްއަކީ ޚާއްސަ ހުއްދައަކާ އެކު މެނުވީ އެތެރެނުވެވޭ ގޮތަށް، އެހެން ޤައުމުތަކާ މުޅިން އެކަހެރިކޮށް އޮންނަ ސަރަހައްދެކެވެ. އެއީ އަމާންކަމާ އެކު ސުލްހަވެރި ރައްޔިތަކު ދިރިއުޅެމުން އަންނަ އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެކެވެ. އިންޑިއާގެ ޔޫނިއަން ޓެރިޓަރީތަކުގެ ތެރެއިން ކުށުގެ ރޭޓް އެންމެ ދަށް އަދި ވަޒީފާ ނެތް މީހުން އެންމެ ދަށް އެއް ޓެރިޓަރީއެވެ.

Ads by STELCO
Ads by Sosun Fihaara

12 އަތޮޅެއްގައި 39 ރަށެއް ލަކްޝަދްވީޕް އޮތް ނަމަވެސް އެ ރަށްރަށުގެ ތެރެއިން މީހުން ދިރިއުޅެމުން އަންނަނީ 10 ރަށެއްގައެވެ. މި ރަށްރަށުގެ ކަންކަން ބަލަހައްޓަނީ އިންޑިއާގެ ރައީސް އައްޔަން ކުރާ އެޑްމިނިސްޓްރޭޓަރެކެވެ. މީގެ ކުރިން ލަކްޝަދްވީޕްގައި އެޑްމިނިސްޓްރޭޓިވްކަން ކޮށްފައި ވަނީ ސިވިލް ސާވިސްއިން ނުވަތަ ޕޮލިސް ސާވިސްއިން ރިޓަޔަރ ކުރައްވާފައިވާ ތިއްބެވި ބޭކަލުންނެވެ. އެހެން ނަމަވެސް، އައިޕީއެސް އޮފިސަރު ދިނޭޝްވަރު ޝަރުމާ މަގާމުގައި ހުއްޓައި 4 ޑިސެންބަރު 2020ގައި ނިޔާވުމާ ގުޅިގެން 5 ޑިސެންބަރު 2020ގައި އައްޔަން ކުރެވުނު އެޑްމިނިސްޓްރޭޓަރ ، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ޕްރަފުލް ކޯޑާ ޕަޓޭލް މުޅި ލަކްޝަދްވީޕްގެ ޘަޤާފަތް ބަދަލުކޮށްލުމުގެ މަސައްކަތް ފެއްޓެވިއެވެ.

ލަކްޝަދްވީޕްއަކީ އިންޑިއާގައި މުސްލިމް މެޖޯރިޓީ އޮންނަ ހަމައެކަނި ޔޫނިއަން ޓެރިޓަރީއެވެ. މިހެންކަމުން ޒަމާނުއްސުރެ ލަކްޝަދްވީޕްގައި އޮތީ މުސްލިމުންގެ ޘަޤާފަތެކެވެ. އެހެން ނަމަވެސް އެޑްމިނިސްޓްރޭޓަރކަމާ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އިސް ބޭފުޅެއް ކަމަށްވާ ޕްރަފުލް ކޯޑާ ހަވާލުވެ ވަޑައިގެންނެވި ފަހުން އެކަން ބަދަލުކޮށް، ހިންދޫ ސިޔާސަތެއް އެކުލަވައިލުމަށް ލަކްޝަދްވީޕްގެ ޤާނޫންތަކަށް ބަދަލު ގެންނަވަން ފެއްޓެވިއެވެ. އިންޑިއާގެ ރާޑަރުގައި ވެސް ނެތް ލަކްޝަދްވީޕްގެ ވާހަކަ އިންޑިއާގެ މީޑީއާތަކަށް ތިލަވީ މިހާ ހިސާބުންނެވެ.

ސަރުކާރާ ދެކޮޅަށް ލަކްޝަދްވީޕްގެ ރައްޔިތުން ގެންދަނީ އަޑު އުފުލަމުން

ކޮވިޑް-19 މުޅި ލަކްޝަދްވީޕްއަށް!

70،000 މީހުން ދިރިއުޅޭ ލަކްޝަދްވީޕަކީ އެހެން ޤައުމުތަކާ މުޅިން އެކަހެރިކޮށް އޮންނަ ސަރަހައްދެއްކަމަށް ވާތީ ލަކްޝަދްވީޕް ވެގެން ދިޔައީ ކޮވިޑް-19އިން މިނިވަން ވެފައި އޮތް ތަނަކަށެވެ. އަދި އެތަނަށް އެތެރެވާން ވަކި ޚާއްސަ ހުއްދައެއް ނަގަން ޖެހުމުން އެއް ތަނުން އަނެއް ތަނަށް މީހުން ބަދަލުވެ އުޅޭލެއް މަދުވެ ކޮވިޑް ބަލިން ރައްކާތެރިވުމަށް ފަސޭހަތަކެއް ކުރިމަތިވިއެވެ. މީގެ އިތުރުން ލަކްޝަދްވީޕްގައި ކޮވިޑް-19އާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އެޅިގެން ދިޔައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ލަކްޝަދްވީޕްއަށް އެތެރެވާ ނަމަ ނައްސި ޕީސީއާރ ޓެސްޓެއް އޮތުމާ އެކީ 7 ދުވަހަށް އެމީހަކު ކަރަންޓީނު ވާން ޖެހެއެވެ. މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ލަކްޝަދްވީޕްގައި ކޮވިޑް-19ގެ ބަލިމަޑުކަމެއް ނެތެވެ. ފައްސި ވޭދަނައެއް ފެންނަނީ ގޭގެ ކަރަންޓީނު ނިންމައިލުމަށް ފަހު ކަރަންޓީނުން ދޫކޮށްލުމަށް ނަގާ ސުންކުންނެވެ. މިހެންކަމުން ކޮވިޑް-19 ޖަމާޢަތީ ފެތުރުމަކަށް ނުގޮސް އޮތެވެ.

އެހެން ނަމަވެސް ޕްރަފުލް ކޯޑާ އެޑްމިނިސްޓްރޭޓަރަކަށް އައި ހިސާބުން ނިންމި ފުރަތަމަ ދޯހަޅި ނިންމުމަކީ ކޮވިޑް-19އާ ގުޅިގެން ލަކްޝަދްވީޕްގައި އޮތް ކަރަންޓީނު ކުރުމުގެ އުސޫލަށް ލުއި ދިނުމެވެ. ޕްރަފުލް ކޯޑާ ޕަޓޭލް އައި ގޮތަށް އައިސް އެސްއޯޕީ އުވާލައި 48 ގަޑިއިރު ނުވާ ނެގެޓިވް ފީސީއާރް ނަތީޖާއަކާ އެކު ކަރަންޓީނު ނުވެ ލަކްޝަދީބަށް އެރޭ ގޮތަށް ހެދިއެވެ. މިއާ އެކު ލަކްޝަދްވީޕްގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރި، މިހާތަނަށް މިބަލީގައި 33 މީހަކު ވަނީ ނިޔާވެފައެވެ.

ޑޭޓާ ނެގިފައިވަނީ އިންޑިއާގެ ހެލްތް މިނިސްޓްރީގެ ސައިޓުން

ލަކްޝަދްވީޕް ޑިވެލޮޕްމެންޓް އޮތޯރިޓީ ރެގިއުލޭޝަން ޑްރާފްޓް

ލަކްޝަދްވީޕްގެ ވެރިކަމާ ޕްރަފުލް ކޯޑާ ޕަޓޭލް ހަވާލުވެ ވަޑައިގެންނެވި ފަހުން ޤާނޫނަކަށް ފަހު ޤާނޫނެއް ހަރުކަށި ކުރަމުން ދިޔައެވެ. މިގޮތުން ހެދި އެއް ޤާނޫނަކީ ލަކްޝަދްވީޕް ޑިވެލޮޕްމެންޓް އޮތޯރިޓީ ރެގިއުލޭޝަން ޑްރާފްޓްއެވެ. މީގެ ދަށުން ޕްލޭނިންގ ޑިވަލޮޕްމެންޓް އޮތޯރިޓީގެ ނަމުގައި އައު އިދާރާއެއް އުފެއްދިއެވެ. އަދި ތަރައްޤީ ކުރަން ޖެހިފައިވާ ކަަމަށް ޤަބޫލު ކުރެވޭ ބިމެއް ކަމަށް އެ އިދާރާއަށް ފެންނަ ބިމެއް ނަމަ ސަރުކާރަށް ނެގުމުގެ ބާރު އެ އޮތޯރިޓީއަށް ދިނެވެ. ލަކްޝަދްވީޕް ވެރިކަން ކުރަނީ އެޑްމިނިސްޓްރޭޓިވްގެ އޮފީހުން ކަމަށް ވާތީ މި ޤާނޫނާ އެކު ބިމުގެ ވެރިޔާގެ ހުއްދަ ނެތި ބިން ސަރުކާރަށް ނެގުމުގެ ބާރު އެ އޮފީހަށް ލިބިގެންދިޔައެވެ. އަދި އެޑްމިނިސްޓްރޭޓިވްގެ އޮފީހުން އަންގާ ގޮތަކަށް ކަންތައް ނުކޮށްފިނަމަ، އެމީހެއް ޖޫރިމަނާ ކުރުގެ ބާރު ވެސް މިޤާނޫނުގެ ދަށުން ލިބިދިނެވެ. ހަމައެހެންމެ ބިމުގެ ހައްޤުވެރިކަމާ ގުޅޭ ގޮތުން ޤާނޫނީ ގޮތުން ވަކާލާތު ކުރުމުގެ ބާރު ވެސް ނެގިއެވެ. އިސްރާއީލުން ފަލަަސްތީނުގެ ބިމަށް ވެރިވެ ގަތް ގޮތަށް، އެޑްމިނިސްޓްރޭޓަރަށް ލަކްޝަދްވީޕްގެ ބިންތައް ފޭރި ގަތުމުގެ ބާރު ދެވިގެން ދިޔައެވެ.

ލަކްޝަދްވީޕްގެ އެޑްމިނިސްޓްރޭޓަރ

ލަކްޝަދްވީޕް އެނިމަލް ޕްރަޒަވޭޝަން ރެގިއުލޭޝަން

މި ރެގިއުލޭޝަންގެ ދަށުން ލަކްޝަދްވީޕްގައި ގެރި ވިއްކުމާއި ކަތިލުން މަނާ ކުރެވިގެން ދިޔައެވެ. އަދި ގެރި ހިމެނޭ ހުރިހާ ވައްތަރެއްގެ ކާއެއްޗެހި ތައްޔާރު ކުރުމާއި އޭގެ ވިޔަފާރި ކުރުން ވެސް މަނާ ކުރެވިގެންދިޔައެވެ. 95އިންސައްތަ މުސްލިމުން ދިރިއުޅޭ ލަކްޝަދްވީޕްގައި ގެރިމަސް ގެންގުޅެ އޭގެ ވިޔަފާރިކުރާކަން ސާބިތުވެއްޖެ ކޮންމެ މީހަކަށް ދިހަ އަހަރުގެ ޖަލު ހުކުމެއް ނުވަތަ 10 ލައްކަ ރުޕީސްއިން ޖޫރިމަނާ ކުރުމުގެ ބާރު ސަރުކާރަށް ދިނެވެ. އަދި ވަށައިގެން ކަނޑު އޮންނަ، ކަނޑު މަހަށާއި ކަނޑު ރޯއްޖަށް ބަރޯސާވާ، އެސަރަައްދުގެ ހުރިހާ ސުކޫލެއްގެ ނާސްތާއިން ހުރިހާ ބާވަތެއްގެ މަސް އުނިކޮށް، ވެޖިޓޭރިއަން ނާސްތާ ދޭން ފެށުނެވެ.

ލަކްޝަދްވީޕް ޕްރިވެންޝަން އޮފް އެންޓި-ސޯޝަލް އެކްޓިވިޓީސް

ލަކްޝަދްވީޕް ޕްރިވެންޝަން އޮފް އެންޓި-ސޯޝަލް އެކްޓިވިޓީސް ނުވަތަ ގުންޑާ އެކްޓްގެ ދަށުން ލަކްޝަދްވީޕްގެ އެޑްމިނިސްޓްރޭޓަރގެ އޮފީހަށް ފެނިއްޖެ ހާލަތެއްގައި، އެއް އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ކޮންމެ މީހަކު ވެސް ޖަލަށް ލުމުގެ ބާރު ލިބިގެންދެއެވެ. އަދި މިގޮތަށް ހައްޔަރު ކުރާ މީހުން ޝަރީއަތް ކުރުމަކާ ނުލައި އަދި އާއްމުންނަށް އެންގުމަކާ ނުލައި ހައްޔަރަށް ގެންދެވޭނެއެވެ. އަދި ހައްޔަރު ކުރާ މީހަކީ ޤާނޫނާ ޚިލާފު ކަމެއް ނުކުރާ މީހެއް ނަމަވެސް، އެޑްމިނިސްޓްރޭޓަރަށް ފެންނަ ހާލަތެއްގައި އެމީހަކު ބަންދުގައި ބެހެއްޓުމުގެ ހައްޤު ލިބިގެންދެއެވެ. މިޤާނޫނުގެ ތެރެއިން ލަކްޝަދްވީޕްގެ ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތުތަކަށް ފާޑު ކިޔާ އިދިކޮޅު ފަރާތްތަކާއި އާއްމުން ޖަލަށް ލައި އަނިޔާ ކުރަމުންދާ ކަަމަށް ލަކްޝަދްވީޕްގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ލަކްޝަދްވީޕް ޕަންޗާޔަތު ސްޓާފް ރޫލް

ލަކްޝަދްވީޕްގެ ވެރިކަންކުރާ އެންމެ އިސް ފަރާތަކީ އެޑްމިނިސްޓްރޭޓަރު ކަމުގައި ވިޔަސް އެތަނުގައި ވެސް ރައްޔިތުން ވޯޓުލައިގެން ހޮވާ މަގާމުތަކެއް ވެސް އޮވެއެވެ. އެއީ ކޮންމެ ރަށެއްގައި އޮންނަ ރަށު ކައުންސިލް، ޕަންޗާޔަތަށް ހޮވާ މެންބަރުންނާއި މުޅި ލަކްޝަދްވީޕަށް އޮންނަ ކައުންސިލް ކަމަށްވާ ޑިސްޓްރިކްޓް ޕަންޗާޔަތަށް ހޮވާ މެންބަރުންނެވެ. އަދި     ލަކްޝަދްވީޕް ތަމްސީލް ކުރުމަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާއަށް ހޮވާ މެންބަރެއް ވެސް ހޮވަނީ ރައްޔިތުންގެ ވޯޓަކުންނެވެ.

ލަކްޝަދްވީޕް ޕަންޗާޔަތު ސްޓާފް ރޫލްގެ ދަށުން ރައްޔިތުން ހޮވާ ކައުންސިލްތަކުގެ ދަށުގައި އޮތް ބާރުތައް މަދުކޮށް، ގިނަ ބާރުތައް ސީދާ އެޑްމިނިސްޓްރޭޓަރުގެ ދަށަށް ގެނައެވެ. އަދި ޕަންޗާޔަތަށް ކުރިމަތިލާ މީހެއްގެ 2 ދަރިންނަށް ވުރެ ގިނަ ދަރިން ތިބުން މަނާ ކުރާ ޝަރުތެއް އުފެއްދިއެވެ.

މީހުން ދިރިއުޅޭ ރަށްތަށުގައި ރާ ހުއްދަ ކުރުން

ލަކްޝަދްވީޕްގައި ފެށުނީއްސުރެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނަލެވެ. މިހާތަނަށް ބަނގުރާ ވިއްކުމުގެ ހުއްދަ ދެވިފައި އޮތީ ފަތުރުވެރިންނަށް ހާއްސަކޮށްގެން، މީހުން ދިރިނޫޅޭ ރަށެއް ކަމުގައިވާ ބަންގާރަމްގައި ހަދައިފައިވާ ރިސޯޓުގައި އެކަންޏެވެ. އެގޮތަށް އެކަން އޮތީ ލަކްޝަދްވީޕްގައި ދިރިއުޅޭ މީހުންގެ ބޮޑު މެޖޯރިޓީއަކީ މުސްލިމުން ކަމުން، މުސްލިމުންގެ ޘަޤާފަތަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. އެހެން ނަމަވެސް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކަމަށް ބުނެ ލަކްޝަދްވީޕްގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުން ވަނީ ހުއްދަކޮށްފައެވެ.

ބަންގާރާމް ރިސޯޓް - މިއީ ލަކްޝަދްވީޕްގައި ރާ ވިއްކުން ހުއްދަ ހަމައެކަނި ރަށް

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މިގޮތަށް މި ޤާނޫނު ބަދަލުކޮށްފައި ވަނީ ރާއްޖެ ނަމޫނާއަކަށް ބަލައިގެންނެވެ. 100އިންސައްތަ މުސްލިމް ރާއްޖޭގައި ރާ ހުއްދައިރު، ލަކްޝަދްވީޕްގައި ރާ މަނާ ކުރަންވީ ސަބަބެއް ނެތް ކަަމަށް އެޑްމިނިސްޓްރޭޓަރުގެ އޮފީހުން ބުނެފައިވާ ކަމަށް ނޫސްތަކުން ހާމަކުރެއެވެ. އެހެން ނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ.

ހައްދު ފަހަނައެޅި ހިންދޫންގެ ހަރުކަށި ވިސްނުމުގެ މަތީގައި އޮތް ބީޖޭޕީގެ ސަރުކާރުން ލަކްޝަދްވީޕްގެ މުޅި ޘަގާފަތް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތަށް ނޫނޭކޭ ބުނުމުގެ ގޮތުން އެ ޓެރިޓަރީގެ ރައްޔިތުން ދަނީ ފާޅުގައި އަޑު އުފުލަމުންނެވެ. ޚާއްޞަކޮށް ދިވެހި ނަސްލެއް އޮތް މަލިކުގެ ކުޑަބޮޑު 12،000 ރައްޔިތުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. މި އިހްތިޖާޖުތަކުގައި މަލިކުގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ކޮޗިންގެ މީހުން ވެސް ބައިވެރިވެއެވެ.

Ads by Ooredoo
  1. ގަމު މީހާ

    އެހެންވީމަ އަހަރުމެންގެ މިގައުމުވެސް ތިއަޅުވެތިކމައް ދާން މާގިނަދުވަހެއް ނެތްހެން ހީވަނީ..