ވިޔަފާރި

ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް 17.9 މިލިއަން ޑޮލަރު ފޮނުވައިފައިވޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް 17.9 މިލިއަން ޑޮލަރު ފޮނުވާފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނެރެފައިވާ ކުއާޓަރލީ އިކޮނޮމިކް ބުލެޓިންގައިވާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ފޮނުވާފައިވާ އަދަދަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެއިން ބޭރުކުރި ފައިސާގެ އަދަދަށް ވުރެ 16 އިންސައްތަ އިތުރު އަދަދެކެވެ.

ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ 70 އިންސައްތައަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވައިފައިވާ ފައިސާއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރުކޮށްފައިވާ ފައިސާގެ ތެރެއިން 55 އިންސައްތައަކީ ބަންގްލަދޭޝްއަށް ބޭރުކޮށްފައިވާ ފައިސާއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފައިސާ ބޭރުކޮށްފައި ވަނީ އިންޑިއާއަށެވެ. އަދި ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފައިސާ ބޭރުކޮށްފައި ވަނީ ސްރީލަންކާއަށެވެ.

މި މުއްދަތުގައި ބޭރު ޤައުމުތަކުން ރާއްޖެއަށް 15.7 މިލިއަން ރުފިޔާ ފޮނުވާފައި ވެއެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފައިސާ ފޮނުވާފައިވަނީ ޔޫއޭއީންނާއި، އިނގިރޭސިވިލާތުން އަދި ލުބްނާނުންނެވެ.

އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޙިދުމަތްދޭ ފަރާތަކަށް ވެސް ކޮވިޑާ ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވިއެވެ. އެހެން ނަމަވެސް މި ދަތިތަކާ އެކު ވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނިތަކަށް ކުރިއެރުން ލިބިގެންގޮސްފައިވާކަމަށް ރިޕޯޓްގައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!