ޣައްޒާ އާރާސްތުކުރުމަށް އެތައް އަހަރެއް ހޭދަވާނެ :އައިސީއާރްސީ
އިޒްރޭލުން އެންމެ ފަހުން ދިން އުދުވާންތަކުގެ މުއްދަތު އެހެން ފަހަރުތަކަށް ވުރެ ކުރުވި ނަމަވެސް، ޣައްޒާއަށް ދީފައިވާ ގެއްލުންތައް އާރާސްތުކޮށް، ޣައްޒާ ކޮޅަށް ޖެހުމަށް އެތައް އަހަރެއް ހޭދަވާނެ ކަމަށް ބައިނަލްއަގުވާމީ ރެޑް ކްރޮސް ޖަމިއްޔާ (އައިސީއާރްސީ)ގެ އިސްވެރިޔާ ރޮބާޓް މާޑީނީ ވިދާޅުވެއްޖެއެވެ.
އައިސީއާރްސީއިން ވަނީ ޣައްޒާގައި ހާލުގައިޖެހިފައި ވާ މީހުންނަށް އެހީވުމަށް 16 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އެހީއަކަށް އެދިފައެވެ. އިޒްރޭލުގެ 11 ދުވަހުގެ އުދުވާންތަކުގައި ޣައްޒާގައި އާންމުން ދިރިއުޅެމުން ދިޔަ 1800 އިމާރާތެއް މުޅިން ސުންނާފަތި ކޮށްފައި ވާއިރު، 14300 އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ. މިއާ އެކު އެތައް ހާސް ބަޔަކު ވަގުތީ ހިޔާވަހިކަން ހޯދަމުން ދަނީ، އދއިން ހިންގާ ސްކޫލް އިމާރާތްތަކުގައެވެ.
މިދިޔަ މަހު އިޒްރޭލުން ހިންގި ލާއިންސާނީ ޖަރީމާގައި ސުންނާފަތިކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާއަށް އދއާއި ރެޑް ކްރޮސްގެ އޮފިޝަލުން ޒިޔާރަތް ކުރައްވައި އެ ސަރަހައްދަށް ދީފައިވާ ގެއްލުންތައް ބައްލަވައިލެއްވުމަށް ފަހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ)އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. ބުދަ ދުވަހު އާންމު ކުރި އެ ބަޔާނު ބުނެފައި ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް ސިއްހީ އެހީ އިންތިހާއަށް ބޭނުން ވެފައި ވާ ކަމަށެވެ.
މެއި 10، 2021 ވަނަ ދުވަހުން ފަށައިގެން 11 ދުވަހަށް ދެމިގެންދިޔަ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުން 254 މީހެއްގެ ފުރާނަ ގެއްލިފައި ވެއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިން ހިމެނެއެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ޣައްޒާ ތެރޭގައި 77000އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށާއި ސިއްހީ ހިދުމަތްދޭ 30 ތަނެއް ސުންނާފަތި ކޮށްފައި ވާކަމަށެވެ. މީގެ އިތުރުން ޣައްޒާއާއި ހުޅަނގު އައްސޭރިން ސިއްހީ އެހީ ބޭނުންވެފައިވާ 2 ލައްކައެއްހާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް، އެޖަމިއްޔާގެ މަސައްކަތްތައް ފުޅާ ކުރަމުން އަންނަ ކަމަށް ވެސް އދގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ބުނެއެވެ.
ޣައްޒާއަކީ ވަށައިގެން ބެދިފައިވާ، ދުނިޔޭގައި މިވަގުތު އޮތް އަނގަމަތި ހާ ، އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަކުރެވޭ ރަށެވެ. އެއްގަމާއި ކަނޑުގެމަގުން އިޒްރޭލުން ޣައްޒާ ބަންދުކުރީ 2007 ވަނަ އަހަރުއެވެ. ބައިނަލްއަގުވާމީ ދުނިޔެއަށް ޣައްޒާ ހުޅުވިފައި އޮންނަ ހަމައެކަނި މަގަކީ، އިންތިހާއަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ، މިސްރުގެ ރަފަހު ބޯޑަރު ސަރަހައްދެވެ.