ކޮވިޑް-19: ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން ފައްސިވީ 590 މީހުން
ރާއްޖެއިން މިއަދު އިތުރު 590 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭ ގެ ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 389 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 195 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 6 މީހުންނެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 67،538 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 47،333 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 182 މީހުންނެވެ.
ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 191 މީހުންނަށެވެ.
މި ފަހަކަށް އައިސް ކޮވިޑް-19އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ވެސް އިތުރެވެ.
ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެޗްޕީއޭއިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވެނީ ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.