ކޮވިޑް ފެތުރޭތީ ޤައިދީން ޖަލުން ބޭރަކަށް ނުނެރޭނެ: ކަރެކްޝަންސް

ކޯވިޑް ފެތުރޭތީ މާލޭ ޖަލުގައި ތިބި އެއްވެސް ޤައިދީއަކު ބޭރަށް ނުނެރޭގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ނިންމައިފިއެވެ.
ކަރެކްޝަންސްއިން މިފަދައިން ނިންމައިފައިވާކަން ހާމަވެފައި ވަނީ ޖަލުގައި ތިބި ބައެއް ޤައިދީންގެ ޝަރީއަތެއް މިއަދު ކްރިމިނަލް ކޯޓްގައި އޮތީ ތާވަލުކޮށް ، އެ ޝަރީޢަތަށް ޤައިދީން ނެރެން ބޭނުން ނުވާތީ އަޑުއެހުން ކެންސަލް ކުރުމާ ގުޅިގެންނެވެ.
މިއަދު ބާއްވަން ތާވަލުކޮށްފައި އޮތް ޝަރީއަތަކީ ތިމަރަފުށީ ތައުލީމީ މަރުކަޒުގައި އޯލެވްލެ އިމްތިހާނު ހަދަމުންދަނިކޮށް އެ މަރުކަޒު ގޮއްވައިލާން، ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައްސަލައެވެ.
ކަރެކްޝަނުން މީގެ ކުރިން ވިދާޅުވީ އައްސޭރި ޖަލާއި މާފުށީ ޖަލުން ވެސް ގައިދީން ފައްސިވެފައި ކަމަށާއި ބައެއް އޮފިސަރުން ވެސް ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. ކަރެކްޝަނުން މާލޭ ޖަލުގައި ތިބި ޤައިދީން ބޭރަށް ނުނެރުމަށް ނިންމާފައިވީ ނަމަވެސް ކޮވިޑް-19އާ ގުޅިގެން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ހައި ރިސްކު މީހުންގެ ތެރެއިން ގޭ ބަންދަށް ދޫކޮށްލެވޭ މީހުން ރަނގަޅަށް ބެލުމަށް ފަހު އެމީހުން ގޭބަންދަށް ދޫކޮށްލުމަށް ވަނީ ނިންމައިފައެވެ.