ޚަބަރު ރައްޔިތުންގެ މަޖިލިސް

ޕީޖީން ވެސް ޒަމީލްގެ މައްސަލަ އަނބުރައި ފޮނުވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގައި އެދުނު މައްސަލަ މިއަދު އަނބުރާ މަޖިލީހަށް ފޮނުވައިލައިފިއެވެ.

Ads by STELCO

ޕީޖީން ބުނީ އިމްތިޔާޒް ޤާނޫނުގައި އޮންނަނީ މައްސަލައެއް ފުރަތަމަ ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވުމަށް ކަމަށާއި، އަދި ޕީޖީއަށް އިމްތިޔާޒްގެ މައްސަލައިގައި ވެސް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާނީ ފުލުހުން ކަމަށެވެ.އަދި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް އެފަދަ އިދާރާއަކަށް ހުށަހަޅަން ލަފާދީފައިވާނެ ކަމަށް ޕީޖީން ވިދާޅުވިއެވެ.

ޒަމީލުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަކަށެވެ. ޒަމީލްގެ މައްޗަށް ދައުވާ ކޮށްދޭން އެދެން ރައީސް ނަޝީދު އެންގެވީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަކީ ސިފައިންގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާންކޮށް ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި އޭނާ ސޮއިކުރައްވާފައިވާތީއެވެ.

މަޖިލީހުން ބުނި ގޮތުގައި އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވައިފައި ވަނީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއަކަށްވާތީ ކަމަށެވެ.

ރައީސް ނަޝީދު ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)އަށް ފޮނުވި ބަޔާނުގައި ވިދާޅުވެފައިވަނީ އެކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ލަފައާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!