ޚަބަރު

ވަކިވަކި ސިފައިންގެ އެއްބާރުލުން ކޮމިޓީއަށް ލިބޭނެ: މުގައްރިރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޑިފެންސް މިނިސްޓްރީގެ ސިޓީއާ ހިލާފަށް ވަކިވަކި ސިފައިންގެ އެއްބާރުލުން ކޮމިޓީއަށް ލިބޭނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ވަކިވަކި ސިފައިންނާ ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރަން އެންގުމުން ޑިފެންސް މިނިސްޓްރީން ވަނީ އެކަމާ ދެކޮޅު ހައްދަވައިފައެވެ. އަދި ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ މުޅި މުއައްސަސާކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ސިފައިންގެ 40 އޮފިސަރަކު ހާޒިރު ކުރަން ނިންމާފައިވާ ކަމަށް ބުނާ ވާހަކަ، މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވަނީ ވިދާޅުވެފައެވެ.

"ތިޔަ ވިދާ ޅުވަނީ 40 (ސިފައިން) އަޅުގަނޑަކަށް ވެސް ނޭނގެ. ތި ލިސްޓެއް އަޅުގަނޑެއް ނުދެކެން، އެއީ ރަނގަޅު އަދަދެއް ނޫން،" އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީގެ މުގައްރިރު އިތުރަށް ވިދާޅުވީ އިންކުއަރީއަށް އެމްއެންޑީއެފްގެ ފަރާތުން ހާޒިރުކުރަން ނިންމާފައި ވަނީ 29 އޮފިސަރެއް ކަމަށާއި ފުލުހުންގެ ހަތް އޮފިސަރެއް ކަމަށެވެ. ނަމަވެސް އެ އަދަދުތަކަށް ބަދަލުތައް ގެންނަން ޖެހިދާނެ ކަމަށާއި މަތީ ރޭންކުތަކުގެ އޮފިސަރުންގެ ފަރާތުން ބޭނުންވާ ޖަވާބުތައް ލިބެމުންދާ ވަރަކަށް އިތުރު ފަރާތްތަކާ ސުވާލު ނުކުރަން ނިންމުން އެކަށީގެންވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އެކަމާ ގުޅިގެން ކުރިން މައްސަލަތަކެއް އުޅުނަސް މިހާރު ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ސިފައިންގެ އިސްފަރާތްތަކުން ދެއްވާ ކަމަށެވެ.

މީގެއިތުރުން 241 ކޮމިޓީގެ މުގައްރިރު ވިދާޅުވީ އިންކުއަރީއަށް މީހުން ހާޒިރު ކުރަނީ ކުށްވެރިންގެ ގޮތުގައި ތަހުގީގަކަށް ނޫން ކަމަށާއި އެ މީހުން ހާޒިރުކުރަނީ އިންކުއަރީއަށް ބޭނުންވާ މައުލޫމާތުތަކާއި ކޮމިޓީއަށް ބޭނުންވާ ސުވާލުތަކަށް ޖަވާބު ހޯދަން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!