ނިއު ނޯމަލްއަކަށް ދެވޭނީ ފައްސިވާ އަދަދު ދަށްވެގެން، ހަރުކަށި ފިޔަވަޅުތައް އިތުރު ހަފްތާއަކަށް
ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ މިހާރު އަޅައިފައިވާ ހަރުކަށި ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލަން ނިންމައި އެކަން އިއުލާން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން އިޢުލާން ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. ރައީސް ޞާލިހް ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި ރައްޔިތުންނަށް ދަތިކަން ދިމާވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް މި ރޭޓުން ބައްޔަށް މީހުން ފައްސިވާ ނަމަ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށެވެ. މިގޮތުން ފައްސިވާ ރޭޓް ދަަށް ވާނީ 2 ހަފްތާއަށް ފަހުގައި ކަމަށް ބެލެވޭ ކަމަށާއި މިހެންކަމުން ހަރުކަށި ފިޔަވަޅުތައް ދިގު ދަންމައިލަން ނިންމަވައިފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ހަފްތާ ނިމުމުން ފެންނަ ނަތީޖާއަށް ބަލައި ލުއި ދެވޭނެތޯ މަޝްވަރާ ކުރައްވާނެ ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮވިޑް-19ގެ ވޭދަނަތައް ރާއްޖޭގައި އިތުރުވާތީ ހަރުކަށި ފިޔަވަޅުތަކެއް މާލެ ސަރަހައްދުގައި އެޅީ މެއި މަހުގެ 26ވަނަ ދުވަހުން ފަށައިގެން ދެ ހަފްތާއަށެވެ. އެގޮތުން ހަވީރު 4 އިން ހެނދުނު 8އަށް ކާފިއު އިއުލާން ކުރި އިރު ކާފިއު ނޫން 8 ގަޑިއިރު ވެސް ބޭރުގައި އުޅެވޭނީ ފުލުހުންދޭ ރެސިޑެންޝަލް ޕާމިޓެއް ހިފައިގެން ކަމަށް ވެސް އެ ދުވަހު ނިންމިއެވެ.
މެއި 26ގައި އިއުލާން ކުރި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ޑެލިވަރީ ކުރެވޭ ވަގުތުތަކަށް ވެސް ވަނީ ބަަދަލު ގެނެސްފައެވެ. އެގޮތުން ޑެލިވަރީ ކުރެވޭނީ ހެނދުނު ހަޔަކުން މެންދަމު ބާރައަށް ކަމުގައި ކަނޑައެޅުނެވެ. އަދި ކާފިއު ވަގުތުގައި ފިހާރައަކަށް ނުވަތަ ރެސްޓޯރެންޓަކަށް ވަދެ ޚިދުމަތް ހޯދައިފިނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ހަމަޖެއްސިއެވެ.
މި ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމައިލާން އިއުލާން ކުރައްވަމުން ރައީސް ޞާލިހު ވިދާޅުވީ ހާލަތު ރަނގަޅު ނުވާނަމަ އަދިވެސް މި ފިޔަވަޅުތައް ދަންމައިލައްވާނެ ކަމަށެވެ.