ޚަބަރު

ފައްސިވާ ސުންކުތައް އާންމު ކުނީގެ ތެރޭގައި ހުންނަކަން ފާހަގަ ކުރެވޭ: ވެމްކޯ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބައެއް ކްލިނިކްތަކުން ޕެކިން ސްޓޭންޑަރޑްއާ ޚިލާފުވެފައި ވާކަމަށާއި އެ ގޮތުން އާންމު ކުނިބުނި ނުވަތަ ޖެނެރަލް ވޭސްޓްގެ ތެރޭގައި ކޮވިޑަށް ފައްސި ސުންކު ބަހައްޓާކަން ފާހަގަކުރެވިފައި ވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާދަމް ވިދާޅުވީ، ކޮވިޑަށް ފައްސި ސުންކުތައް ފަދަ ތަކެތި އުކާލާއިރު ބައެއް ކްލިނިކްތަކުން އާންމު ކުނިބުނީގެ ތެރޭގައި ބަހައްޓާކަން ފާހަގަކުރެވިފައި ވާކަމަށާއި އެފަދަ އަމަލުތަކާ މެދު ހިތާމަކުރައްވާކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، އެ ކަންކަމުގެ މައުލޫމާތު ގަބޫލުފުޅު ކުރެއްވުމަށް ވެސް ދަތިވާ ކަމަށެވެ.

އަދި ކޮވިޑްގެ ބަލިމަޑުކަން މިހާ ގޯސްވެފައިވާ ދަނޑިވަޅެއްގައި ހެލްތު ފެސިލިޓީތައް ފަދަ ޕްރޮފެޝަނަލް ސަރވިސް ޕްރޮވައިޑަރއެއްގެ ފުށުން މިބާވަތުގެ ކަންކަން ފެނިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ

ކޮވިޑްގެ ފުރަތަމަ ކޭސް މާލެއިން ފެނުމާއެކު ވެމްކޯއިން އަމަލު ކުރަމުން ދަނީ ޚާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށާއި ކުނި އުކުމުގައި އެއްވެސް ތަނަކުން އާންމު ރައްޔިތުން ނުރައްކަލަކަށް ހުށަހެޅޭނެފަދަ ގޮތަކަށް އަމަލު ނުކުރެއްވުމަށް ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި އާދަމް އިލްތިމާސް ކުރެއްވިއެވެ.

ކޮވިޑް19 ގެ ހާލަތާއެކު މިހާރު އެ ކުންފުނިން ކުނި ނަގަން ވަކިވަކި އެޕާޓްމަންޓުތަކަށް ނުދާނެއެވެ. ކޮންމެ ގޭބިސީއަކުން ވެސް އިމާާރާތުގެ ތިރީގައި ކުނި ކޮތަޅުތައް ބަހައްޓަން އެ ކުންފުނިން ވަނީ އަންގައިފައެވެ. އަދި ކުނި ބޭރަށް ނެރޭނީ ވެމްކޯއިން އަންގާ ގަޑިތަކުގައި އެކަނި ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!