ޚަބަރު

މާލެ ދަތުރު ކުރާ ކުޅުދުއްފުށީގެ ދެ ބޯޓަކުން ކޮވިޑް-19 ކޭސްތަކެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
Kulhudhuffushi
ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، ފައްސިވެފައި ވަނީ ސީ ކުއީން ބޯޓުން ފައްސިވި ފަޅުވެރިއަކާ އެއްތާވި މީހުންގެ ތެރެއިން 6 މީހެއްގެ އިތުރުން ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރު ކުރާ ބޯޓެއް ކަމަށްވާ ބަހާދަރުބޯޓުން ނެގި ސާމްޕަލްތަކުގެ ތެރެއިން 4 މީހެއް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ޓާސްކް ފޯސްގެ ބައްދަލުވުމުގައި މާލެ ދަތުރު ކުރާ ބޯޓު ފަހަރު ރަށަށް ލެފުމާ އެކު ބޯޓުން ދަތުރު ކުރާ ފަޅުވެރިންގެ ސުންކު ނެގުމަށް ނިންމާފައިވާ ކަމަށާއި، މިގޮތަށް ނިންމައިފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެގޮތުގެ މަތީން އިއްޔެ ކުޅުދުއްފުއްޓަށް ލެފި ބަހާދަރު ބޯޓުގެ ހުރިހާ ފަޅުވެރީންގެ ސުންކު ނަގައިފައިވާއިރު އޭގެ ތެރެއިން 4 މީހަކު ވަނީ ފައްސިވެ ވެފައި ކަމަށާއި، ބަހާދަރު ބޯޓުގެ ހުރިހާ ފަޅުވެރިން ތިބީ އިއްޔެ ބޯޓު ލެފި ވަގުތުން ފެށިގެން ކަރަންޓީނުގައި ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

"މި ދެ ބޯޓުގެ ޕޮޒިޓިވް ކޭސްތަކާއެކު، ރަށުގެ ރައްޔިތުން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އުޅުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން މާސްކު އަޅައިގެން އުޅުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާއި، އެ މީހަކާ ކޮންޓެކްޓްވާ މީހުންގެ އަދަދު ވީހާ ވެސް މަދު ކުރުމަށް ނަސޭހަތްތެރިވަން. މާތް ގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް މިފަހަރު ވެސް އިރާދަކުރެއްވިއްޔާ ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލު ކުރެވޭނެ" ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް ވިދާޅުވިއެވެ. 

ސީ ކުއީން ބޯޓުގެ ފަޅުވެރިއެއް މި މަހުގެ 9 ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި މަހުގެ 10 ވަނަ ދުވަހު އެ ބޯޓުގެ އެހެން ދެ ފަޅުވެރިއެއް ވެސް މިހާރު ފައްސި ވެފައިވެއެވެ. އަދި އޭގެ ތެރެއިން ފައްސިވީ އެއް ފަޅުވެރިޔާއާ އެއްތާވި ހަ މީހުން މިއަދު ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. މިއާ އެކު ކުޅުދުއްފުށީގެ ހަރަކާތްތެރި ވޭދަނަތަކުގެ އަދަދު 23އަށް ވަނީ އަރައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!